ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި ގުޅޭގޮތުން އޯޕެކް ޕްލަސް އިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން އިސްވެ އޮވެ، އޯޕެކް ޕްލަސް އިން ނިންމި ނިންމުމަކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ތެލުގެ ބާޒާރާއި އެހެނިހެން ފަންނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
އޯޕެކް ޕްލަސްގެ ނިންމުމަކީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި މި ނިންމުން ބަލައިގަންނަންޖެހޭ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން މި ނިންމުމަކީ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"ހަކަތަ އިމްޕޯޓްކުރުމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ހަކަތަ ބާޒާރުގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ބަޔާނުގައިވެ އެވެ.
ތެޔޮ އުފައްދާ މިންވަރު މަދުކުރުމުގެ ގޮތުން އޯޕެކް ޕްލަސްގެ ގައުމުތަކުން ދުވާލަކު އުފައްދާ ތެލުން ދެ މިލިއަން ފީފާ މަދުކުރުމަށް މި މަހުގެ ފަސްވަނަ ދުވަހު ނިންމި ނިންމުމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އުފުލި އިންފްލެޝަން ރޭޓް ވަނީ މައްޗަށް ޖެހެން ފަށާފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ގެއްލުން ވަމުންނެވެ.
މިގެއްލުންތަކުގެ ހސަބަބުން އެމެރިކާއިން ވަނީ ސައުދީއާއި މެދު ނުރުހުން ވެފަ އެވެ. ތެޔޮ އުފެއްދުން މަދުކުރުމުގެ ނިންމުމަށް ޔޫރަޕްގެ ނުރުހުންވެސް އޮތީ އަމާޒުވެފަ އެވެ.
ދުނިޔޭގެ އިގްތިސާދު ކުރިއަރުވައި، ހަރުދަނާކުރުމަށް ސައުދި އަރަބިއްޔާ އިން ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސައުދީ ސަރުކާރަށް ލިބޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.