ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޑރ. ޚަލީލްގެ މިދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓްރީން ބުނީ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ފައިސަލްއާ ބައްދަލުކުރައްވައި، ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ރަހްމަތްތެރިކަމުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ކޮމަސްއާ ވެސް މިނިސްޓަރު ޚަލީލް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިނިސްޓަރު ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.