ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް މަޝްވަރާ އާއި ޑިޕްލޮމެސީ އިސްކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޙަލީލް ގޮވާލައްވައިފި އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ހަލީލް ވަނީ ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ވަނީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާ ނޭދެވޭ ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އިސްކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޖިއޮގްރަފީގެ ގޮތުން ރާއްޖޭގެ އޮތް ސަރަހައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ މި ސަރަޙައްދުގެ ހަމަޖެހުމަށް ގުޅިލާމެހިފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.