ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް މިއަދު ވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ތުރުކީގެ އަންތާލިއާގައި "ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް"ގެ ޝިއާރުގެ ދަށުން މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 11 އިން 13ގެ ނިޔަލަށެވެ.
އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަހްމަތްތެރި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ މި ފޯރަމްގެ ހަވާސާގައި މިނިސްޓަރު ޚަލީލް ބައްދަލުކުރައްވާނެ ކަމަށެވެ.
ހާރިޖީ ވަޒީރު ޑރ. ޚަލީލް، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ޚަލީލް ތުރުކީއަށް ވަޑައިގެންފައި މިވަނީ މި ހަފްތާގެ ތެރޭގައި މޯލްޓާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.