ދުނިޔެ

ޔުކްރޭނުން އީރާނާ ގުޅުން ކަނޑަލަނީ

އީރާން މިހާރު އޮތީ ރަޝިއާ ކޮޅަށް ބުރަވެ ޔުކްރޭން ހަނގުރަމާގައި ރަނގަޅަށް ބައިވެރިވެފައި ކަމަށް ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރީ ކުބެލާ ވިދާޅުވެއްޖެ އެވެ.

ޔުކްރޭންއާ މެދު ވިސްނާލުމެއް ނެތި އީރާނުން ރަޝިއާއަށް އަސްކަރީ ދަރަޖައިގެ ޑްރޯނާއި ބެލިސްޓިކް މިސައިލް ސަޕްލައިކުރާ ނަމަ، އީރާނާ މެދު ގޮތެއް ނިންމަން -- ސިޔާސީ ގުޅުން ކަނޑާލަން ޖެހިދާނެ ކަމަށްވެސް ޔުކްރޭންގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ މީގެ ކުރިން ވިދާޅުވި ގޮތުގައި ޔުކްރޭންގެ އަވަށްތަކުން އީރާންގެ މިސައިލްތަކުގެ ބައިތައް ވަނީ ފެނިފަ އެވެ. އަދި އަސްކަރީ އަމާޒުތަކަށް ހަމަލަދެވޭ ވަރުގެ ޑްރޯން ވެސް އީރާނުން ވަނީ ރަޝިއާއަށް ސަޕްލައިކޮށްފަ އެވެ.

ރިޕޯޓްތައް ބުނޭ ގޮތުން އީރާންގެ އިންޖިނޭރުން ދޮންބާސްގައި މިހާރު ވެސް އެބަ ތިއްބެ އެވެ. އެ މީހުންގެ މަސައްކަތަކީ އީރާންގައި އުފައްދާ އަސްކަރީ އާލާތްތައް ބޭނުންކުރާނެ ގޮތް ރަޝިއާ ސިފައިންނަށް ކިޔައި ދިނުމެެވެ.

ކުބެލާ ވިދާޅުވި ގޮތުގައި އީރާން ވަނީ ޔުކްރޭނަށް ވަރަށް ބޮޑަށް އޮޅުވާލާފަ އެވެ. ކުރާ ކަމެއް ނުކުރާ ކަމަށް ކިތަންމެ ވަރަށް ބުނި ނަމަވެސް އެއީ ނުކުރާ ކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް މިހާރު އޮތް ގޮތަކީ އީރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމެވެ. އެކަން އެގޮތަށް ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ދަންނަވާފައި ވާނެ ކަމަށްވެސް ކުބެލާ ވިދާޅުވި އެވެ.

އީރާނުން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ޔުކްރޭންގެ އިމާރާތްތައް ރަޝިއާ ސިފައިން ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް ކުބެލާ ވިދާޅުވި އެވެ. އާންމުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭން އަކީ އެއްވެސް އިރެއްގައި އީރާނާ ދެކޮޅު ގައުމެއް ނޫން ކަމަށް ކުބެލާ ވިދާޅުވި އެވެ. އެހެންނަމަވެސް އީރާންގެ އަމަލުތައް މިހާރު ހުރީ އީރާނާ މެދު އެހާ ގާތްކޮށް ދެކެވެން ޖެހެ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭންއަށް ޖާސޫސްކޮށްދޭ އެމެރިކާގެ ކުންފުނިތަކުން އަދި ސިޔާސީ ލީޑަރުން ބުނާ ގޮތުން ބެލަރޫސް މެދުވެރިކޮށް އީރާނުން އަސްކަރީ ސާމާނު ރަޝިއާއާށް ސަޕްލައި ކުރެ އެވެ.

އީރާން އާއި ރަޝިއާއިން މިކަން ދޮގުކުރި ނަމަވެސް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ވެސް ޖާސޫސުން ބުނެ އެވެ.