ހަބަރު

ހައި ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔާ ކުރައްވަނީ

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔޫސުފް ހުސައިން މަގާމުން ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް "އަވަސް" އަށް އެނގިއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ކުރެއްވި ޔޫސުފް ރިޓަޔާ ކުރައްވަނީ ސިއްހީ ސަބަބަކަށްޓަކައި ކަމަށް ވަނީ އެނގިފަ އެވެ. އެ މަނިކުފާނު ރިޓަޔާ ކުރައްވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ރިޓަޔާ ކުރައްވާއިރު އެ މަނިކުފާނުގެ އުމުރުފުޅަކީ 50 އަހަރެވެ.

ފަނޑިޔާރުން ގާނޫނު ބުނާގޮތުން އުމުރުން 55 އަހަރުވެފައިވާ ނަމަ އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވިދާނެ އެވެ.

އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޔޫސުފް ރިޓަޔާ ކުރެއްވުމާ އެކު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރަކު މަދުވާނެ އެވެ. މީގެ ކުރިން ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި އަހްމަދު ޝަރީފް ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ފިޔަވަޅު އެޅީ ހައި ކޯޓުގެ ފަނޑިޔާރުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

ގާނޫނު ބުނާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިބެން ޖެހޭނެ އެވެ.

މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ޝަރީއަތުގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޔޫސުފް ވަނީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރު ކަމާއި ކޯޓު ނަންބަރު 1 ގެ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވާފައިވެ އެވެ.

ފަނޑިޔާރު ޔޫސުފް ރިޓަޔާ ކުރައްވާއިރު ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ވެސް މިދިޔަ މަހު ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.