ދުނިޔެ

އިނގިރޭސި ހޯމް މިނިސްޓަރު ސުއެލާ ބްރޭވާމެން އިސްތިއުފާ ދެއްވައިފިި

އިނގިރޭ ބޮޑުވަޒީރު ލިޒް ޓްރަސްގެ ކެބިނެޓް ރޫޅެން ފަށައިފި އެވެ. މި ފަހަރު މިއޮތީ ހޯމް މިނިސްޓަރު ސުއެލާ ބްރޭވާމެން އިސްތިއުފާ ދެއްވި ވާހަކަ އެވެ.

ބްރޭވާމެން އިސްތިއުފާ ދެއްވިއިރު ލިޒް ޓްރަސްގެ ސަރުކާރަށް އަދިވީ ހައެއްކަ ހަފުތާ އެވެ. ލިޒް ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެވުނީ ސެޕްޓެމްބަރު 6، 2022 ގައެވެ. އެއާ އެކު ކެބިނެޓް ވެސް ވަނީ އެކުލަވާލެވިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބްރޭވާމެން އިސްތުއުފާދެއްވީ ސިއްރުކުރަން ޖެހޭ މައުލޫމާތެއް އަމިއްލަ ފޯނުން އޮޅުމަކުން ހިއްސާކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ވަޒީރުންގެ އަޚުލާގީ މިންގަނޑާ ބްރޭވާމެން ޚިލާފުވެ ވަޑައިގެންވި ކަމަށް ބަލައި އިސްތިއުފާ ދެއްވަން ދެންނެވީ އެވެ.

އިސްތިއުފާގެ ސިޓީގައި ބްރެވާމެން ވަނީ ގޯހެއް ހެއްދެވުނު ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ޒިންމާދާރު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ފެނިވަޑައި ގަންނަވާތީ އިސްތިއުފާ ދެއްވީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބްރޭވާމެން ވިދާޅުވި ގޮތުގައި ލިޒްގެ ސަރުކާރު ވަނީ ފާލުން ނެއްޓިފަ އެވެ. ރައްޔިތުންނަށް ވި ވައުދު ފުއްދުމުގައި ސަރުކާރު ފޭލިވެފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ވައުދު ފުއްދެވުމުގައި ނުކުޅެދިއްޖެ ނަމަ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވެސް ބްރޭވާމެން ދެކެވަޑައިގަންނަވަ އެވެ.

ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވިއިރު ފައިނޭންސް މިނިސްޓަރު ކްވާސީ ކްވާޓެންގް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދެއްވައި ސަބަބު ބަޔާން ކުރައްވައި ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ކްވާސީ ކްވާޓެންގެ ލިޔުއްވާފައިވަނީ އިސްތިއުފާ ދެއްވީ ބޮޑުވަޒީރު އެދިވަޑައިގަތުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

އިނގިރޭސި ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވިއިރު ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމަށް އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ ތެރެއިންނާއި ބޭރުން ވެސް ދަނީ ގޮވަމުންނެވެ.

ހެއްދެވުނު ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެ ލިޒް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް ލިޒް މަގާމުގައި ބެހެއްޓުން ރަނގަޅު ނޫން ކަމަށް ކޮންޒަވޭޓިވް ޕާޓީގެ ގިނަ މެމްބަރުން މިހާޜު ގަބޫލު ކުރައްވަ އެވެ.