އެޗްޑީސީ

މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޑީސީގެ ބޮޑު ހަރަކާތެއް

މިދުވަސްވަރު ޑެންގީ އިތުރުވަމުންދާތީ އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

"ޑެންގީ އިޖާބަ" މި ނަމުގައި އެޗްޑީސީން ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. ހެނދުނު 7:00 ޖަހާއިރު ފަށާ މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި ސްކޫލް ދަރިވަރުންވެސް ބައިވެރި ވާނެ އެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގައި އާންމުން ބައިވެރިވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޑެންގީ ޖެހިގެން މި މަހު ވަނީ ދެ ކުޑަ ކުދިންނާއި ދެ ޒުވާނަކު މަރުވެފަ އެވެ. އަދި މިވަގުތު ބައެއް މީހުން ގެންދަނީ ހޮސްޕިޓަލްތަކުގައި ޑެންގީއަށް ފަރުވާ ހޯދަމުންނެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުން ޖެހޭ މިންވަރު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ [އެޗްޕީއޭ] އިން ބުނެ އެވެ.

މި އަހަރަކީ ގިނައިން ވިއްސާރަކުރި އަހަރަކަށްވެފައި މިހާރުވެސް ވިއްސާރަ ކުރަމުންދާތީ މަދިރި އާލާވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.