އެންޑީއޭ

މަސްތުވާތަކެއްޗާ ދުރުވާން ބޭނުންވާ މީހުންނަށް ވަޒީފާ ހޯދައިދެނީ

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ބޭނުންވާ ފަރުވާދީ އަނބުރާ މުޖުތަމައަށް ނެރެ އެމީހުނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރިސޯޓްތަކާ މަޝްވަރާ ކުރަން ފަށައިފި އެވެ.

ނެޝަނަލް ޑްރަގް އެޖެންސީ[އެންޑީއޭ]ގެ އާ ސީއީއޯ އިމާދް ސޯލިހް އާއެކު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރެވޭނެ ކަމަށެވެ. މިކަމަށް ބޭނުންވަނީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުމާ އަދި އަޅާލުން ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

މުޖުތަމައަށް މިމީހުން ނެރުމަށް ފަހު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާގެ ފުރުސަތު ލިބިގެން ނުދިއުން ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

"ވަޒީފާއެއް ނުލިބޭ މިމީހުންނަށް. ގިނަ ތަންތަނުން ބަލައެއް ނުގަނޭ ކުށުގެ ރެކޯޑް އޮންނާތީ. އެކަން ބަދަލުކުރަން އަޅުގަނޑުމެން ބޭނުންވަނީ. މިހާރު މިދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ރިސޯޓް ހިންގާ ފަރާތްތަކާއި މަޝްވަރާ ކުރަމުން. މިމީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން." ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

އެންޑީއޭގެ ވައިސް ޗެއާމަން މައުރޫފް ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ސްޓެލްކޯ، ފެނަކަ، އެޗްޑީސީ އަދި އެމްޓީސީސީގެ ފަރާތުން ލިބޭ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ.

"ބައެއް އިތުރު އެހެން ކުންފުނިތައް ވެސް އަޅުގަނޑުމެންނަށް މިކަމުގައި އެހީވޭ،" މައުރޫފް ވިދާޅުވި އެވެ.

ޝަމާއު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވި 32 މީހުން ރަނގަޅުވެ ވަރަށް ފަހުން ޖަލުން ދޫކޮށްލާފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މިހާރު އުޅެނީ ރަނގަޅު ވަޒީފާތަކުގައި ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.