މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 700 މީހަކު ފަރުވާ ބޭނުންވެފައި ތިބުމުން އެމީހުންނަށް އަވަހަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވާ އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހް ވިދާޅުވީ ޑްރަގު ކޯޓުން އަމުރުކޮށްގެން ފަރުވާ ދޭން ޖެހިފައިވާ 700 މީހުން އެބަތިބި ކަމަށާއި މި މީހުންގެ ފަރުވާގެ އިންތިޒާމުތައް އަވަސްކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިބި ކަމަށާއި އެ މީހުންނަށް ފަރުވާ އަވަސް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
"މިއީ 2018 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާ އަށް ހުކުމް ކޮށްފައިވާ މީހުންގެ ބެކްލޮގް،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަރުވާ ދޭން ޖެހިފައިވާ މީހުންނަށް ދެ ދުވަހެއްގެ ތެރޭގައި ގުޅަމުންދާނެ ކަމަށެވެ. އަދި ފަރުވާގެ އިންތިޒާމުތައް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ތެރެއިން ހާއްސަ މުވައްޒަފުންތަކެއް ނެގި ޓެކްނިކަލް އަދި އިދާރީ ޓީމް އެކުލެވިގެން ޖޮއިންޓް ޓީމެއް ނަގާފައިވާ ކަމަށެވެ.
ފަރުވާ ބޭނުންވާ މީހުންނަށް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ފަރުވާދީ ނިންމާލެވޭނެ ކަމުގައިވެސް އިމާދު ވިދާޅުވި އެވެ. އަދި މަގުމަތީގައި އުޅޭ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ހަނިމާދޫގައި ހިދުމަތް މެދުކެނޑިފައިވާ ސެންޓަރުގެ މަސައްކަތް އަލުން ފެށުމަށާއި ނ. ވެލިދޫ އާއި ލ. އަތޮޅުގައިވެސް އެންޑީއޭގެ ފަރުވާގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި އެންޑީއޭ އެންމެ ފަހުން ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މިސަރުކާރުން ޑްރަގުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށް ބަލައި އެންޑީއޭ ހިންގަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުންނެވެ. އިމާދު ވިދާޅުވި ގޮތުގައި މިއީ ރަނގަޅު ބަދަލެކެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށްގެން ވައްކަމާއި ފޭރުމުގެ އަމަލުތައް ހިންގަމުން ގެންދާ 54 މީހަކު މާލެއިން ދެނެގަނެވިފައިވާތީ އެމީހުންވެސް ފަރުވާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.