ދުނިޔެ

ލިޒް ޓްރަސް: އެންމެ ދައުރު ކުރު އިނގިރޭސި ބޮޑުވަޒީރު

އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް މިއަދު އިސްތިއުފާ ދެއްވިއިރު އެ ކަމަނާގެ ވެރިކަމަށް ދެމަސް ދުވަސް ވެސް އަދި ނުވެ އެވެ. ލިޒް ބޮޑުވަޒީކުގެ މަގާމަށް ވަޑައިގަތީ ސެޕްޓެމްބަރު 6، 2022 ގައެެވެ.

ލިޒް ޓްރަސް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް އިނގިރޭސިވިލާތް އޮތީ އިގުތިސާދީ ގޮތުން ބަނަ ވިލާގަނޑެއްގެ ދަށުގަ އެވެ.

ރަޝިއާ އިސްވެ ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް -- ރަޝިއާއަށް ހަނގުރާމަ ނުކުރެވޭ ވަރު ކުރުމުގެ އުންމީދުގައި -- އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކުރަން އެޅި ހުރިހާ ފިޔަވަޅެއްގައި އިނގިރޭސިވިލާތް ވެސް އަމަލީ ގޮތުން ބައިވެރިވި އެވެ.

ރަޝިއާއަށް ފައިސާ ލިބެން ހުރި ކޮޅުތައް ބަންދުކުރުމުގެ ނިޔަތުގައި ރަޝިއާގެ ހަކަތަ ގަތުން އެމެރިކާ އާއި ޔޫރަޕުން ހުއްޓާލުމުން އެކަމަށް ހިތްވަރުދީ އެންމެ ކުރީގައި އޮތީ އިނގިރޭސިވިލާތެވެ.

އެމެރިކާއާ އެކު ރަޝިއާގެ ހަކަތަ ގަތުން އެންމެ ފުރަތަމަ ހުއްޓާލީ ވެސް އިނގިރޭސިވިލާތެވެ. އިނގިރޭސި ސަރުކާރުގެ މި ނިންމުން ވެގެން ދިޔައީ އާންމު ރައްޔިތުންނަށް ގަބޫލުކުރަން ދަތި ކަމަކަށެވެ.

އެކަމަކު އެއިރު އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން -- ބޯޖޯއަށް އިނގިރޭސިވިލާތަށް އިގުތިސާދީ ކޮޅިގަނޑެއް އަރާފަނެކަން އެނގިވަޑައި ނުގަތެވެ. އާންމުން މަގުތަކަށް ނުކުވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާނެކަން ވެސް ވިސްނިވަޑައި ނުގަތެވެ.

އެއަށް ވުރެ ރަޝިއާ ދެކެ އޮތް ރުޅި އާއި ރައީސް ޕޫޓިންއާ މެދު އޮތް ޒާތީ ނަފުރަތު އެ މަނިކުފާނަށް ވެވަޑައިގަތީ މާ މުހިންމު ކަމެއް ގޮތުގަ އެވެ.

އިނގިރޭސި ބޮޑުވަޒީގެ މަގާމުން ބޯޖޯ އިސްތިއުފާ ދެއްވުމާ ގުޅިގެން -- ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި -- ބޮޑުވަޒީރުގެ މަގާމަށް ފައިނެންގެވި މެމްބަރުން ކުރެއްވި ހުރިހާ ޒުވާބެއްގައި ލިޒް ޓްރަސް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ނަތީޖާއަކަށްވީ އެ ކަމަނާއަށް މާކުސްކޮޅެއް އިތުރުވެ ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގަތުމެވެ. ހަމައެއާ އެކު ބޯމަތީގައި އޮތް ބަނަ ވިލާގަނޑު ވެސް އޮއްސާލީ އެކަމަނާގެ ބޮލަށެވެ.

ލިޒް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ކުރި ހުރިހާ ގޯހެއްގެ މައްޗަށް ގަދަފަދަ ސަރުކާރަކަށް އެ ކަމަނާގެ ސަރުކާރު ވާނެ ކަމަށް ވިދާޅުވަމުންނެވެ. އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ޓެކްސް ކުޑަކުރައްވައި ހަކަތައަށް -- ކަރަންޓް ބިލަށް ލުއިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ވެސް އެކު އެވެ.

އެހެން ނަމަވެސް، އެ ކަމަނާ އިސްތިއުފާ ދެއްވުމަށް ދެއްވި ބަޔާނުގައި ވައުދު ދަމަހައްޓަން ދަތިފުޅުވި ކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. ހަމަ އެއާއެކު ކޮންޒަވޭޓިވް ޕާޓީގައި އެ ކަމަނާއަށް އޮތް މަގުބޫލުކަން ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ލިޒްއަށް ހެއްދެވުނު ގޯސް ރަނގަޅުކުރެއްވުމަށް ދެން ހެއްދެވުނީ ވެސް އިތުރު ގޯހެކެވެ. ފައިނޭންސް މިނިސްޓަރު ކްވާސީ ކްވާޓެންގް މަގާމުން ދުރުކުރެއްވުމަކީ ވެސް އެ ކަމަނާއަށް ހެއްދެވުނު ގޯހެއް ކަމަށް ސިޔާސީ ލީޑަރުން ދެކެވަޑައި ގަންނަވަ އެވެ.

އަނެއްކޮޅުން ހޯމް މިނިސްޓަރު ސުއެލާ ބްރޭވާމެން އިސްތިއުފާ ދެއްވުމަކީ ވެސް ލިޒްގެ ސަރުކާރަށް ކުރިމަތިވި ނިކަމެތި ކަމެއް ކަމަށް ކޮންޒަވޭޓިވް ޕާޓީގެ މެންބަރުން ވެސް ގަބޫލު ކުރައްވަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިޒް މަސައްކަތް ކުރެއްވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިނގިރޭސިވިލާތް ހަމައަކަށް އެޅުވުމަށެވެ. އެހެން ނަމަވެސް އެ ކަމަނާ އެކުލަވާލެއްވި ސަރުކާޜުގައި އެވަރުގެ ރޭވުންތެރިކަން -- ތަޖުރިބާ ނެތް ކަމަށް ވެސް މަސްރަހު އަންދާޒާކުރާ މީހުން ބުނެ އެވެ.

ލިޒް އަކީ އިގްތިސާދީ މާހިރެއް ނަމަވެސް އެކުލަވާލެއްވި ސިޔާސަތުގެ ސަބަބުން އިނގިރޭސި ފައިސާގެ އަގުވެއްޓި އަދި ހިއްސާގެ ބާޒާރަށް ލޮޅުން އެރި އެވެ. އަދި ނުބައްދަލު ކުރު މުއްދަތެއްގެ ތެރޭގައި ތަކެތީގެ އަގު އުފުލު އާންމުން ހޯބޯލަންވަން ފެށި އެވެ.

ލިޒް މިހާރު ހުންނެވީ ވަގުތީ ބޮޑުވަޒީރުގެ މަގާމުގަ އެވެ. އެ ކަމަނާ ޥަނީ އިނގިރޭސި ރަސްގެފާނު ޗާލްސްއަށް ވެސް އެ ކަމަނާގެ އިޚުތިޔާރު ހާމަކޮށްދެއްވާފަ އެވެ.

ކޮންޒަވޭޓިވް ޕާޓީން ބޮޑުވަޒީރަކު ހަމަޖައްސަންދެން ބޮޑުވަޒީރުގެ މަގާމު ބަހަލައްޓަވައި ދެއްވާނެ ކަމަށް ވެސް ލިވް ވިދާޅުވި އެވެ.