ބޯހިމެނުން

ރާއްޖޭގެ އާބާދީއަކީ 452،495 މީހުން

ރާއްޖޭގައި މިއަދުގެ ނިޔަލަށް ދިރިއުޅޭ އާބާދީ އަކީ 452،495 މީހުން ކަމަށް ދައްކައިފި އެވެ.

މިމައުލޫމާތު ހާމަކުރީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ރިޕޯޓްގަ އެވެ.

މި ރިޕޯޓް މިރޭ ބޯހިމެނުމުގައި މިހާތަނަށް ގުނިފައިވާ ނަތީޖާ ހިމަނައިގެންނެވެ. އެހެންކަމުން މިރިޕޯޓްގައިވާ ބައެއް އަދަދުތަކަށް އަދި ބަދަލު އައުމަކީ ވެދާނެ ކަމެކެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތަށް މިއަދުގެ ނިޔަލަށް ރާއްޖޭގައި ދިރިއުޅޭ 452،495 މީހުންގެ ތެރެއިން 355،331 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އާބާދީއަކީ 97،164 މީހުންނެވެ.

ރާއްޖޭގައި މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާގައިވާ ގޮތުން އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީ އަކީ 402،071 މީހުންނެވެ. އޭރު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ. ބިދޭސީންގެ އޭރުގެ އާބާދީ އަކީ 63،637 މީހުންނެވެ.

ތަފާސްހިސާބު އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވީ ދިވެހިންގެ އަދަދަކީ 16،897 މީހުންނެވެ. މިމުއްދަތުގެ ތެރޭގައި 33،527 ބިދޭސީން އާބާދީއަށް އިތުރުވެފައިވެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދުވެސް ބުނީ ބޯހިމެނުމުގައި މައުލޫމާތު ނުދޭ މީހުންނަށް އަދިވެސް ފޯނުން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.