އަހުމަދު ނަސީމް

މިނިސްޓަރު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް

Oct 20, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މިނިސްޓާ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.

ނަސީމަށް މި އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.

މި އިއްޒަތް ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. އަހްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވެފައި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ.

މީގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމަށް ވެވަޑައިގެންނެވި ގުރުބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 37 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ނަސީމު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމަކީވެސް މި އިއްޒަތް އެރުވި ބޭނުމެކެވެ.

މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވީ އަހްމަދު ނަސީމު ކޮށްދެއްވި ހިދުމަތްތަކަކީ ގައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.