އަހުމަދު ނަސީމް

ހެޔޮ ގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރު ދިނުން: ނަސީމު

ދިވެހިރާއްޖެ މިއަދު މިއޮތް ހާލަތުން ދިވެހި ގައުމަށް އެންމެ ހެޔޮ ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރަކަށް ހޮވުން ކަމަށްވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ރައީސް ސޯލިހް އެންޑޯސްކުރައްވަން ފެއްޓެވުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ އެކި ސަރުކާރުތަކުގައި އެމަނިކުފާނަށް އެތައް އަހަރަކު މަސައްކަތް ކުރެއްވުނުއިރު ރައީސް ސޯލިހް ފަދަ ވަރުގަދަ ވެރިޔަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނަސީމު ވިދާޅުވީ ރާއްޖޭގައި މިއަދު ވެރިކަމަށް ވަޑައިގެންނެވޭނީ ކޯލިޝަނާ އެކު ކަމަށާއި އެ މޮޑެލްގައި ރާއްޖޭގައި ވެރިކަން ކުރެއްވޭނެ އެންމެ މޮޅު ބޭފުޅަކީ ރައީސް ސޯލިހް ކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑު މިމަގާމަށް އައުމުގެ ކުރިން ހުރީ ރައީސް އޮފީހުގެ މިނިސްޓަރަކަށް. އަޅުގަނޑަށް ރައީސް ސޯލިހްގެ ފަރާތްޕުޅުން ފެނުނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން. ހިތްހެޔޮކަމާއި އޯގާވެރިކަން. ދުވަހަކު ވެސް މީހަކަށް އަނިޔާއެއް ދެރައެއް ލިބޭކަށް އެދިވަޑައެއްނުގަންނަވާނެ. އަނެއްކާ އެއްވެސް ކަމެއް ފޮރުވާކަން ބޭނުންފުޅެއް ނުވާނެ. ތެދުވެރިކަމާ އެކު ކަންކަން ކުރައްވަން އަބަދުވެސް އިރުޝާދު ދެއްވާނެ،" ރައީސްއަށް ތައުރީފް ކުރައްވަމުން ނަސީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީހުންނާ ގުޅޭ ކެތްތެރި ބޭފުޅަކަށް ނޫނީ ކޯލިޝަނެއްގައި ވެރިކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިވެރިކަމުގައި ކޯލިޝަން ދެމެހެއްޓިފައިވަނީ ރައީސް ސޯލިހުގެ ކިބައިގައި ކެތްތެރިކަމާއި ހިކުމަތްތެރިކަން ހުރުމުން ކަމަށެވެ.

ރޭވުންތެރިކަމާ އެކު ކަންކަން ކުރެއްވުން

ނަސީމު ވިދާޅުވީ ރައީސް ސޯލިހް ކަންކަން ކުރައްވަނީ އެމަނިކުފާނުގެ ސިޔާސީ މަގުސަދުތައް ހާސިލްކުރެއްވުމަށް ކުރަންޖެހޭ ކަންކަމަށް އިސްކަންދެއްވައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހް އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ވީހާވެސް އަވަހަށް ހަމަޖައްސަވައިދެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އެގޮތުން މިވެރިކަން ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމުމަށާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑްކޮށް ސިއްހީ ނިޒާމުގެ ފެންވަރު މުޅި ރާއްޖޭގައި ރަނގަޅުކުރުމަށް ރައީސް ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅުން ކަންކަން ކުރައްވަނީ ހަގީގަތުގައި ޕޮޕިއުލަރިޓީ މަތިކުރަން ވަރަށް ބޮޑަށް ކަންކަން ދައްކައިގެން. ރައީސް ސޯލިހަކީ އެއްގޮތަކަށް ވެސް ކަންދެއްކުމަށް ކަންކަން ކުރައްވަން ބޭނުންވާ ބޭފުޅެއް ނޫން،" ނަސީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހްގެ މިދައުރު ނިމޭއިރު އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ކުރަންހުރި ގިނަ ކަންކަން ހާސިލްކުރައްވާނެ ކަމަށެވެ.

ނަޝީދަކީ އިންގިލާބީ ލީޑަރެއް

އެމްޑީޕީގެ ކޮންގްރެސް އިން ވަކި ގޮތެއް ނުނިންމާނަމަ އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން މޮޅުވާ ބޭފުޅަކަށެެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާނެ ބޭފުޅަކަށް ރައީސް ނަޝީދު ހުންނަވާނެ އެވެ.

ހެލްތު މިނިސްޓަރު ނަސީމަކީ ރައީސް ނަޝީދު ބޮޑުބޭބެ ވިދާޅުވާ އެމަނިކުފާނުގެ އާއިލީ ބޭފުޅެކެވެ. އެހެންވެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައި ވަނިކޮށް ރައީސް ސޯލިހް ހިޔާރުކުރެއްވީ ކީއްވެގެންތޯ އަވަސް އިން ދެންނެވުމުން ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ނަސީމު ވިދާޅުވީ ރައީސް ނަޝީދަކީ "އިންގިލާބީ ލީޑަރެއް" ކަމަށެވެ.

"ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް ގެނެސްދެއްވި އިންގިލާބު މިހާރު ނިމިއްޖެ. އެމަނިކުފާނު ގެނެސްދެއްވި އިންގިލާބީ ހެޔޮ ބަދަލުތައް ގައުމުން އެބަފެނޭ. މިހާރު މިވަގުތު އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހޭ ސަރުކާރެއް. އެކަން ކުރެވޭނީ ނިކަން ކެތްތެރި ހިކުމަތްތެރި ބޭފުޅަކަށް. އެބޭފުޅަކީ ރައީސް ސޯލިހް. ރައީސް ނަޝީދު ކަމުނުދާތީއެއް ނޫން ރައީސް ސޯލިހް ޗޫޒް ކުރީކީ. މިވަގުތަށް އެކަމަކު އެންމެ ރަނގަޅީ ރައީސް ސޯލިހް،" ނަސީމު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފުރުސަތެއް ނުދެވޭނެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ނިކުންނަވައިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވޭނެތޯ ދެންނެވުމުން ނަސީމު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ދިވެހި ގިނަ ރައްޔިތުން ނޭދޭނެ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވުމާއި އެތައް ބަޔަކަށް އަނިޔާވެރިވެފައިވުމެވެ.

"ހަގީގަތުގައި ޔާމީން މިވަގުތު ދޫވެފައި ހުންނެވި ނަމަވެސް ފުރަތަމަ ޖެހޭނީ ކުރެވިފައިވާ ބޮޑެތި ތުހުމަތުތައް ސާފުކުރަން. އެކަން ނުކޮށް އަސްލުގައި ރިޔާސީ އިންތިހާބުގައި ވާދަވެސް ކުރެވިގެން ނުވާނެ. ޔާމީނާ ހިލާފަށް ރައީސް ސޯލިހަކީ އޯގާވެރި އަދި މީހަކަށް ދުވަހަކުވެސް އަނިޔާވެރިވުމަށް ނޭދޭ ވެރިއެއް. އެފަދަ ވެރިއެއް އަޅުގަނޑު ހަމަގައިމުވެސް ނުދެކެން،" ނަސީމު ވިދާޅުވި އެވެ.

ނަސީމު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު "ޗޮއިސް" އަކީ ރައީސް ސޯލިހް ކަމަށެވެ. އަދި ރިޔާސީ ދެވަނަ ދައުރަކަށް ރައްޔިތުން ރައީސް ސޯލިހް އިންތިހާބު ކުރާނެ ކަމަށް އެއްވެސް ޝައްކެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ސޯލިހް އިއުލާން ކުރެއްވީ މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވާނީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.