އަހުމަދު ނަސީމް

ތިން ޖަމިއްޔާ އަކުން މިނިސްޓަރު ނަސީމުގެ އިސްތިއުފާ އަށް ގޮވައިފި

Apr 21, 2022
2

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަކުން ހެލްތް މިނިސްޓަރު އަހްމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.

މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލި ތިން ޖަމިއްޔާ އަކީ ހޭންޑްސް ޓުގެދާ، ސޮސައިޓީ ފޯ އެވެއަނަސް ފޯސްޓަރިން އެންލައިޓްމަންޓް (ސޭފް)ގެ އިތުރުން އޯޕަން ހޭންޑް ޖަމިއްޔާ އެވެ.

ޖަމިއްޔާތަކުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ގޮވާލީ އެ ޖަމިއްޔާތަކުގެ ފަރާތުން ހޭންޑްސް ޓްގެދާ ޖަމިއްޔާއިން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ މައްސަލަ ދިރާސާކުރި ޕެޓިޝަން ކޮމިޓީ އަށް މިނިސްޓަރު ދެއްވެވި ޖަވާބުތަކަކާ ގުޅިގެންނެވެ.

މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކީ މުއާލާތް ކެނޑިފައިވާ މާކުރީގެ ޕެޓިޝަނެއް ކަމަށް ވިދާޅުވެ އާ ޕެޓިޝަނެއް ހަދައިދިނުމަށް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންނެވި ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ. ޖަމިއްޔާތަކުން ހުށަހެޅި ޕެޓިޝަނަކަށް މަޖިލީހަށް އެގޮތަށް ޖަވާބު ދެއްވި ބޭފުޅަކު ކޮމިޓީގެ ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުކުރާނެ ކަމާ ދޭތެރޭ ވެސް ޝައްކު އުފައްދާފައިވެ އެވެ.

މަޖިލީހަށް މިނިސްޓަރު ދެއްވި ޖަވާބުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ "ޑްރަގް ބޭފުޅުން" ކަމާއި ބޭޒުގައި ބޯ ޖެހޭ ބައެއް ކަމަށް ވިދާޅުވެ ފުރައްސާރަކޮށް އިތުބާރު ގެއްލުވާލާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިކަން މިހެން ހިނގާފައިވާތީ ޖަމިއްޔާތަކުން މި ގޮވާލަނީ މިނިސްޓާ އޮފް ހެލްތު އަހްމަދ ނަސީމް ރައްޔިތުންނާއި ޖަމިއްޔާތަކުގެ ކިބައިން މައާފަށް އެދި މަގާމުން އިސްތިއުފާ ދިނުމަށެވެ،" ބަޔާނުގައިވެ އެވެ.