އީރާނުގެ ނިއުކްލިއާ މަޝްރޫއު ފެށުމަށް ވަމުންދާ ތައްޔާރީތަކާގުޅޭ ތަފްސީލު ހޯދުމަށް އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން މަޝްވަރާކުރަން ނިންމައިފިއެވެ. މަޝްވަރާތައް އޮންނާނީ އޮސްޓްރޭލިއާގެ ވެރިރަށް ވިއެނާގައެވެ.
އީރާނާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ވިއެނާއަށް ވަޑައިގެންފައެވެ. އެމެރިކާގެ މަޝްވަރާތަކަށް މަރުހަބާ ކިޔައި އެ މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފު ވެސް މިހާރު ވަނީ ވިއެނާއަށް ވަޑައިގެންފައެވެ.
އެމެރިކާއިން އިސްނަގައިގެން ބާއްވާ މި މަޝްވަރާގެ ބައްދަލުވުމުގައި އީރާނުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ފެށުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްފައިވޭތޯ ބެލުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އީރާނުން ކުރަންޖެހޭ ކަންކަން ކުރުމަށް މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ބެލުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.
އީރާނުން ނިއުކްލިއާ މަޝްރޫއު ފަށަން ނިންމާފައިވަނީ އެކަމަށް 20 މަސްދުވަސް ވަންދެން އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިރާން ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހުއެވެ. އެ މަޝްވަރާތައް ނިންމާލާފައިވަނީ ސުލްހަވެރި ބޭނުންމަށް ނިއުކުލިއާ ހަކަތަ އުފެއްދުމުގެ ހުއްދަ އީރާނަށް ދިނުމަށް ބޮޑެތި ގައުމުތަކުން އެއްބަސްވުމަކަށް އައިސްގެންނެވެ.
ނިއުކުލިއާ ހަކަތަ އީރާނުން އުފެއްދުމުގެ ހުއްދަ ހުޅަނގުގެ ގައުމުތަކުން އެ ގައުމަށް ދީފައިވީނަމަވެސް ނިއުކުލިއާ ބޮމެއް ތައްޔާރު ކުރެވޭ ވަރަށް ޔުރޭނިއަމް އުފެއްދުމުގެ ފުރުސަތު އީރާނަށް ވަނީ ބަންދުވެފައެވެ. ގައުމުތަކުން އީރާނާއެކުވީ އެއްބަސްވުމުގެ ދަށުން 15 އަހަރު ވަންދެން އީރާނަށް އުފެއްދޭނޭ ޔުރޭނިއަމްގެ މިންވަރު ވަނީ ހިފަހައްޓާފައެވެ. މީގެ ބަދަލެއްގެ ގޮތުގައި އީރާންގެ ތެޔޮ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ވިއްކުމުގެ ފުރުސަތު އީރާނަށް ލިބޭނެއެވެ.