ކުޅިވަރު

ލެވަންޑޯސްކީ ޖެހި ގޯލުގެ އަދަދު 600 އިން މައްޗަށް

ޕޮލެންޑާއި ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުގެ އަދަދު 600 އިން މައްޗަށް ޖެހިލައިފި އެވެ.

ލެވަންޑޯސްކީ ފުޓްބޯޅަ ކެރިއަރުގެ 600 ވަނަ ގޯލާއި 601 ވަނަ ގޯލު ކާމިޔާބުކުރީ ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 0-3 އިން ވިޔަރެއާލް ބަލިކުރި މެޗުގަ އެވެ.

ލީގުގައި މިދިޔަ ހަފްތާ ވާދަވެރި ރެއާލް މެޑްރިޑް އަތުން 1-3 އިން ބަލިވުމުން ރޭގެ މެޗު ކާމިޔާބުކޮށް އެއްވަނައިގެ ފަރަގު ކުޑަކުރަން ބާސެލޯނާ މުހިއްމުވި އެވެ. މެޗު ބާސެލޯނާއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު ހަތް މިނެޓުގައި ޖެހި ގޯލުތަކުންނެވެ.

ލެވަންޑޯސްކީގެ 600 ވަނަ ގޯލު 31 ވަނަ މިނެޓުގައި ޖެހިއިރު އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. 38 ވަނަ މިނެޓުގައި ބާސެލޯނާގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ އަންސޫ ފާޓީ އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި ރެއާލް ސޮސިއެޑާޑް އޮތްއިރު ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ބަޔާން މިއުނިކް ދޫކޮށް މި ސީޒަނުގައި 42.6 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވި ލެވަންޑޯސްކީ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 14 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. ލީގުގައި ކުޅުނު 10 މެޗުގައި ޖެހި 11 ލަނޑާ އެކު ލެވަންޑޯސްކީ އޮތީ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ.

އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ އަކީ 2000 ވަނަ އަހަރުގެ ފަހުން 600 ލަނޑު ހަމަކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި ލިސްޓުގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ.

ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު ޕޮލެންޑުގެ ދެ ކްލަބަށް ލެވަންޑޯސްކީ 62 ލަނޑު ޖެހި އެވެ. އޭގެފަހުން ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ ކުޅުނު 186 މެޗުގައި 103 ގޯލު ކާމިޔާބުކުރި އެވެ. ބަޔާން މިއުނިކްގައި ކުޅުނު 375 މެޗުގައި ލެވަންޑޯސްކީ ވަނީ 344 ގޯލު ޖަހައިފަ އެވެ. ބާސެލޯނާގައި މިހާތަނަށް 16 ގޯލު ޖަހާފައިވާއިރު ގައުމީ ޓީމަށް ކުޅުނު 134 މެޗުގައި 76 ގޯލު ވަނީ ކާމިޔާބުކޮށްފަ އެވެ.