ބޮލީވުޑް

ވަރުންގެ "ބީޅިޔާ"ގައި ކްރީތީގެ މޮޅު ރޯލެއް

ވަރުން ދަވަން އާއި ކްރީތީ ސެނޯންގެ އާ ފިލްމު "ބީޅިޔާ"ގެ ޓްރެއިލާ ބުރާސްފަތި ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ.

ބިރުވެރި-ހެއްވާ މި ފިލްމަކީ ބޮލީވުޑްގެ އާންމު ފިލްމުތަކާ ވަރަށް ތަފާތު ގޮތަކަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ވަރުން ކުޅެނީ ބާސްކަރް ކިޔާ ވެއަވުލްފަކަށް ބަދަލުވާ މީހެއްގެ ރޯލެވެ. ކްރީތީ ކުޅެނީ މިފަދަ މީހުންނަށް ފަރުވާ ކުރާ ޑޮކްޓަރެއްގެ ބައެވެ.

މިއީ ކްރީތީ ކުޅެފައިވާ ފިލްމުތަކާ ބަލާއިރު އޭނާއަށް މޮޅަށް ޕާފޯމްކުރަން ލިބިފައިވާ ރޯލެވެ.

ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޑައިރެކްޓަރު ދިނޭޝް ވިޖަން ބުނީ ކްރީތީއާ އެކު ވެމްޕެއާ ފިލްމެއް އުފެއްދުމުގެ ވިސްނުން ކުރިން އޮތް ކަމަށެވެ. ނަމަވެސް "ބީޅިޔާ" ކުޅުމުން ދެން އިތުރަށް ކްރީތީއަށް އެ ފިލްމު ކުޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

ކްރީތީ ބުނި ގޮތުގައި ވަރުން ކުޅޭ ފިލްމުތަކުގެ ވާހަކަ ލީކުކުރަނީ އޭނާ އަމިއްލަ އަށެވެ. އެގޮތުން "ބީޅިޔާ"ގެ ވާހަކަ ވެސް ވަރުން އެންމެންނަށް ކިޔައިދޭ ކަމަށް ކްރީތީ މަޖަލަކަށް ހަދާފައި ބުންޏެވެ.

ޑައިރެކްޓަރު ދިނޭޝް ބުނީ ވަރުން އަކީ އަބަދުވެސް ހަދަހަދައިގެން ވާހަކަތައް އުފައްދައިގެން އޭނާގެ ފިލްމު ބެލުމުގެ ޝައުގުވެރިކަން މީހުންގެ ހިތުގައި އުފައްދަން މަސައްކަތްކުރާ މޮޅު އެކްޓަރެއް ކަމަށެވެ.