ބޮލީވުޑް

"ބީޅިޔާ"ގައި ވަރުން އަކީ ބިރުވެރި ވެއާ ވުލްފެއް

ދިނޭޝް ވިޖަންގެ މަޖާ އަދި ބިރުވެރި ފިލްމު "ބީޅިޔާ" އިން ބެލުންތެރިން ބިރުގަންނަވާލަން ވަރުން ދަވަން އާއި ކްރީތީ ސެނޯން ތައްޔާރުވެއްޖެ އެވެ. ދިނޭޝް އަކީ ހޮރޯ / ކޮމެޑީ އުފެއްދުމުގެ ރޮނގުން ވަރަށް ކާމިޔާބު ޑައިރެކްޓަރެކެވެ. އެގޮތުން އޭނާ ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލަށް ލައިގެން އުފެއްދި "އިސްތިރީ" އަކީ ވަރަށް ކާމިޔާބު އަދި ކްރިޓިކްސްގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. އަދި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ އާއެކު އޭނާ އުފައްދަމުންދާ "ރޫހީ"ގެ ޓްރެއިލާ އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.

މިހާރު "ބީޅިޔާ" ގެ ޓީޒާއެއް ވެސް ވަނީ ރިލިޒް ކޮށްފަ އެވެ. މި ޓީޒާގައި ބުނާ ގޮތުން މި ފިލްމު ރިލީޒްކުރާނީ އަންނަ 2022 ވަނަ އަހަރުގެ އެޕްރީލް 14 ވަނަ ދުވަހު އެވެ.

މި ޓީޒާގައި ވަރަށް ބިރުވެރި ވެއާވުލްފެއް ހަޅޭއްލަވާ އަޑު އިވެ އެވެ. އަދި ޓީޒާގައި ފެންނަ ގޮތުގައި ވަރުން މި ފިލްމުގައި ކުޅޭނީ ވެއާވުލްފެއްގެ ބައެވެ. މި ފިލްމުގެ ޓީޒާގައި ދިނޭޝްގެ ކުރީގެ ދެ ފިލްމަށް ވެސް ކްރެޑިޓް ދީފައި ވެއެވެ.

"ސުތުރީ ޖީ އާއި ރޫހީ ޖީ އަށް ބީޅިޔާގެ ސަލާމް،" މި ޓީޒާގެ ކެޕްޝަންގައި ލިޔެފައި ވެއެވެ. އެހެންކަމުން ދިނޭޝްގެ މި ތިން ފިލްމުގައި އެގޮތް ގޮތްތަކެއް ހުންނާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފަ އެވެ.

"އިސްތިރީ" ގެ ތަރިންނާއި "ރޫހީ" ގެ ތަރިން ވެސް ވަނީ "ބީޅިޔާ" ގެ ޓީޒާ ޝެއާކޮށް މި ފިލްމަށް މަރުހަބާ ކިޔާފަ އެވެ.

"ބީޅިޔާ" އަކީ ވަރުން އާއި ކްރީތީގެ ތިން ވަނަ ފިލްމެކެވެ. މީގެ ކުރިން "ކަލަންކް" އާއި "ދިލްވާލޭ"ގައި މި ދެ އެކްޓަރުން ވަނީ ބައިވެރިވެފަ އެވެ.

"ބީޅިޔާ" ޓީޒާ

"ބީޅިޔާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަން އާއި ޑައިރެކްޓަރު އަމަރް ކޯޝިކްގެ ޖޯޑު ގުޅިގެން އުފައްދާ ދެ ވަނަ ފިލްމެވެ. އެމީހުން އެކުގައި ފުރަތަމަ އުފެއްދީ 2018 ގައި ރިލިޒްކުރި "އިސްތިރީ" އެވެ. އެ ފިލްމަކީ މުޅި އެ އަހަރު ވެސް ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި ފިލްމުގެ ކާމިޔާބާއެކު ސީކުއަލް އެއް ވަރަށް އަވަހަށް އުފައްދާނެކަމަށް ވެސް އިއުލާންކުރި އެވެ. ނަމަވެސް ދިނޭޝް އާއި އަމަރްގެ މެދުގައި "އިސްތިރީ"ގެ ފައިދާ ބަހާނެ ގޮތަކާ މެދު ޚިޔާލު ތަފާތުވެ ދެ މީހުން ވަކިވުމުން އެ ސީކުއަލްގެ މަސައްކަތް މިހާތަނަށް ވެސް ފެށޭގޮތް ނުވެފައި އޮތީ އެވެ.

މިހާރު ދެ މީހުން ވަނީ ވާޙަކަ ދައްކައިގެން އެމީހުންގެ މެދުގައި އޮތް މައްސަލަ ހައްލުކޮށްފަ އެވެ. އަދި "ބީޅިޔާ" ގެ މަސައްކަތް ދެ މީހުން އެކުގައި ވަނީ ފަށާފަ އެވެ. ވީމާ "އިސްތިރީ" ގެ ދެ ވަނަ ބަޔެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ވެސް އެ ފިލްމު މާ ގިނަ ދުވަހެއް ނުވެ ފެނިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ.