ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފަސް އަހަރަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ކަނޑައަޅަފި އެވެ.
އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ އަމުރު ވެސް ނެރެ ތަންފީޒީ ބާރުތަކަށް ހުއްދަ ދީފަ އެވެ.
އިމްރާން ބޮޑުވަޒީރު ކަމުގައި ގޯހެއް ހައްދަވާފައިވާ ނަމަ އެކަމެއް ބެލުމަށް އިދިކޮޅު ޕާޓީތައް ގުޅިގެން އަންނަނީ އޭނާގެ ފަތްފުއްތައް ހާވައި ކުށް ހޯދަމުންނެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހު ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ ރައީސް ރާޖާ ޕަރްވޭޒް އަޝްރަފް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނަށް އިމްރާންގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
އިދިކޮޅުން އެދިފައި އޮތީ -- ތޯޝާޚާނާ ހިޔާނާތަށް އިޝާރާތްކޮށް -- އިމްރާނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އުމުރު ދުވަހަށް ފުރުސަތު ހަނިކުރުމަށެވެ.
ތޯޝާޚާނާ އަކީ ޕާކިސްތާންގެ ކެބިނެޓްގެ ބެލުމުގެ ދަށުގައި އޮންނަ ވަކި ޑިވިޒަނެކެވެ. އެއީ ސަރުކާރުގެ ވެރިން -- ރައީސާއި ބޮޑުވަޒީރު ފަދަ ބޭފުޅުންނަށް ބޭރު ގައުމުތަކުން ލިބިވަޑައިގަންނަވާ އަގުބޮޑު ހަދިޔާތައް ބަހައްޓާ މަރުކަޒެކެވެ.
ޕާކިސްތާންގައި މިހާ އޮތް ކޯލިޝަން ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު ހެކީގެ ގޮތުގައި ހުށަހެޅި 28 ސޮފްހާގެ ކަރުދާހުގައި ކުރީގެ ބޮޑުވަޒީރު ޓޯޝާޚާނާ އިން މަދުވެގެން 52 ހަދިޔާ ވަގަށް ނެންގެވި ކަމަށް ވަނީ ބުނެފަ އެވެ.
އިމްރާންގެ ނިޔަތަށް ވެފައި އޮތީ ބޮޑެތި އަގުތަކަށް އެތަކެތި ބާޒާރުގައި ވިއްކުން ކަމަށާއި އޭގެ ތެރޭގައި އަގުބޮޑު ބައެއް ގަޑިތައް ވެސް ހިމެނޭ ކަމަށް ކަރުދާހުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން އިމްރާން ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ކޮންމެ ހަދިޔާއެއް ޓޯޝާޚާނާއަށް ލާން ޖެހެ އެވެ.
ފައިސާގެ ގޮތުގައި ލިބިވަޑައިގެންނެވި ނަމަ ދައުލަތުގެ ޚަޒާނާއަށް ޖަމާކުރުމަކީ ވެސް އޮންނަ ގޮތެކެވެ. އެނޫން ގޮތެއްގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހާރާއި އަނގޮޓި ފަދަ ތަކެތި އަގުމަގު ކުރައްވައި ދެބައިކުޅަ އެއްބައި ދައުލަތުގެ ހަޒާނާއަށް ޖަމާކުރެވޭ ގޮތެއް އޮންނަ ކަމަށްވެސް ވެއެވެ.
އިމްރާނަށް ހުކުމް އިއްވުމުގެ ކުރިން އެތައް ސަތޭކަ ސެކިއުރިޓީ އޮފިޝަލުން ވަނީ އިސްލާމްއާބާދަށް ޖަމާކޮށްފަ އެވެ. އެއީ ވެރިރަށުގެ އަމަން އަމާންކަން ކޮންޓްރޯލް ކުރުމަށާއި މުހިންމު ސަރަހައްދުތަކާއި އިމާރާތްތައް ހިމާޔަތް ކުރުމަށެވެ.
އިމްރާން ޚާނަށް ސިޔާސީ ހަރަކާތްތައް ބަންދުކުރެވުނު ނަމަވެސް ޕާޓީގެ ލީޑަރުގެ ގޮތުގައި އިމްރާން ދެމިހުންނަވާނެ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޝާހް މުހައްމަދު ގުރައިޝީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހުކުމްގައިވާ ގޮތުން ޕާޓީގެ ޗެއާމަންގެ މަގާމު އިމްރާނަށްު ނުފުރުއްވޭނެ ކަމަށެވެ.