ބޮލީވުޑް

ސަލްމާނަށް ޑެންގީ ޖެހި "ބިގް ބޮސް"ގެ ހޯސްޓަކަށް ކަރަން

ސަލްމާން ޚާނަށް ޑެންގީ ޖެހި ވަރަށް ބަލިވެ އުޅޭތީ ކުރިއަށް އޮތް ދެ ތިން ހަތަރު ހަފުތާގައި އޭނާ "ބިގް ބޮސް"ގެ ހޯސްޓެއްގެ ގޮތުގައި ނުފެންނާނެ އެވެ. އަދި ސަލްމާނަށް ޝޯގެ ޝޫޓިންގައި ބައިވެރި ނުވެވޭނެތީ މިހާރު ވަގުތީ ގޮތުން ޝޯ ހޯސްޓްކުރުމާ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ހަވާލުވެފަ އެވެ.

ކަރަން މިހާރު ވެސް އުޅެނީ ނުކުރެވޭ ވަރަށް މަސައްކަތް ނަގައިގެންނެވެ. ނަމަވެސް "ބިގް ބޮސް" ހޯސްޓްކޮށްދޭން ސަލްމާން އެދުމުން އޭނާއަށް އެކަމަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ސަބަބަކީ "ބާއީ" އަށް ނޫނެކޭ ބުނަން ހިންދީ ފިލްމު އިންޑަސްޓްރީގެ އެކަކަށް ވެސް ނުކެރޭނެތީ އެވެ. އަދި ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ގެ ދެވަނަ ބަތަލުގެ ރޯލު ސަލްމާން ކުޅެދެނީތީ ވެސް ކަރަން އަށް ސަލްމާން ބުނާކަމެއް ނުކޮށްދީއެއް ނުކެރޭނެ އެވެ.

މީގެ އިތުރުން "ބިގް ބޮސް" ދައްކާ ކަލާޒް ޗެނަލް އާއި ޝޯގެ ޕްރޮޑިއުސަރު އެންޑެމޯލް އިން ކަރަން އަށް ހުށަހެޅި ބޮޑު ފީ އަކީ ވެސް ކަރަން އަށް ނޫނެކޭ ބުނެވޭ ވަރަށް ވުރެ މާބޮޑު ފީއެއް ކަމަށް ވެއެވެ.

މިއަހަރު ކުރީކޮޅު ސްޓްރީމްކުރި "ބިގް ބޮސް"ގެ ފުރަތަމަ އޯޓީޓީ ސީޒަން ހޯސްޓްކޮށްފައިވަނީ ކަރަން އެވެ.