އިންޑިއާގައި ސްޓާލިންކް އިންޓަނެޓް ހިދުމަތް ދިނުމަށް އެދި އީލޮން މަސްކްގެ ސްޕޭސް އެކްސްއިން އަނެއްކާ ވެސް ހުށަހަޅައިފި އެވެ.
މި ހިދުމަތް ފަށައިގަތުމަށް ބޭނުންވާ ލައިސަންސަށް މީގެ ކުރިން ވެސް ސްޓާލިންކުން ވަނީ އެދިފަ އެވެ.
ސްޓާލިންކް ހިދުމަތް ފެށުމަށް ބޭނުންވާ ގްލޯބަލް މޮބައިލް ޕާސަނަލް ކޮމިއުނިކޭޝަން ބައި ސެޓެލައިޓް ސާވިސަސް (ޖީއެމްޕީސީއެސް) ލައިސަންސް ބޭނުންވާތީ އިންޑިއާގެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް (ޑީއޯޓީ) -- ޑޮޓް އަށް ވެސް ސްޕޭސް އެކްސްއިން ވަނީ ލިޔެފަ އެވެ.
ސްޓާލިންކުން އިންޓަނެޓް ހިދުމަތަށް ރަޖިސްޓަރީ ކުރަން މިދިޔަ އަހަރުވެސް އިންޑިއާގައި ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް އެކަން އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ. މިކަމާ ގުޅިގެން ހިނގާދިޔަ ކަންތައް ތަކުގައި މަސްކަށް ޖެހިވަޑައިގަތީ ރެޖިސްޓްރޭޝަން ފުރުސަތު ބަންދުކުރާށެވެ.
އާންމު ރައްޔިތުންނަށް އިންޒާރު ދިނުމަށްފަހު ޑޮޓުން އަންގާފައި އޮތީ ހުއްދައާ ނުލައި ސްޓާލިންކް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ރަސްމީ އިދާރާތަކުން ގޮތެއް ނިންމައި އަންގަންދެން ހިދުމަތަށް ނޭދުމަށް ވެސް އެންގި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްޕޭސް އެކްސްއިން "ޖީއެމްޕީސީއެސް" ލައިސަންސަށް އެދި ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ ކުންފުނިން ފުރަމަ އެދުނީ ހިދުމަތުގެ އަޖުމަ ބެލުމަށް ބޭނުންވާ ލައިސަންސަަކަށް ނަމަވެސް، އެ ލައިސަންސް ބޭނުންނުވާ ކަމަށް ފަހުން އޮތީ އަންގާފަ އެވެ.
ސްޓާލިންކަށް ހަމައެކަނި ޖީއެމްޕީސީއެސް ލައިސަންސް ލިބުމަކުން އިންޑިއާގައި އިންޓަނެޓް ހިދުމަތް ނުދެވޭނެ އެވެ. އިންޑިއާގެ ގަވާއިދު އޮންނަ ގޮތުން ޑިޕާޓްމަންޓް އޮފް ސްޕޭސްގެ ހުއްދަ ވެސް ހޯދަން ޖެހެ އެވެ. އަދި ގުޅުން ހުރި ސްޕެކްޓްރަމް ބޭންޑެއް ގަތުމާއި ސެޓެލައިޓް ސްޓޭޝަނެއް އިންޑިއާގެ ބިމުގައި ގާއިމުކުރުމަކީ ވެސް އޮންނަ ޝަރުތެކެވެ.
އިންޑިއާގައި އިންޓަނެޓް ހިދުމަތް ފުޅާކުރަން އެދި ހުށަހަޅައިގެން އުޅެނީ ހަމައެކަނި މަސްކްގެ ސްޕޭސް އެކްސް އަކުން ނޫނެވެ.
ބާރްތީ އެއާޓެލްއިން ވަނީ އިންޑިއާގައި ސެޓެލައިޓް ބްރޯޑްބޭންޑްގެ ހިދުމަތް ފެށުމަށް ތިންވަނަ ކުންފުންޏަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ހަދައިފަ އެވެ.
އަނެއްކޮޅުން ރިލަޔަންސް ޖިއޯއަށް ވެސް މިމަހު ކުރީކޮޅު ސެޓެލައިޓް އިންޓަނެޓް ދޭން ޑޮޓްގެ ހުއްދަ ލިބުނެވެ.
އިންޑިއާގެ ޓާޓާ ގްރޫޕާއި ކެނެޑާގެ ޓެލެސެޓް އަދި އެމެޒޯން އިން ވެސް އިންޑިއާގައި ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރެވޭނެ ގޮތެއް އަންނަނީ ހޯދައި ބަލަމުންނެވެ.
އިންޑިއާގައި 5ޖީ ތައާފުރުކުރަން ބިޔަ ޕްރޮޖެކްޓްތަކެއް ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ. އެއަށް ފަހު ދެން އޮތް ބިޔަ ޕްރޮޖެކްޓަކަށް ވާނީ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ކަމަށް ބުނެވެ އެވެ.
އިންޑިއާގައި ދުރު އަވަށްތަކަށް ހައި ސްޕީޑް އިންޓަނެޓަށް ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިބާ ނެޓްވޯކް އަޅައި އަދިވެސް ނުނިމެ އެވެ. މުހިންމު އަވަށްތައް ވެސް އަދި މުޅިން ކަވަރު ނުކުރެވޭ ކަމަށްވެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ބީލަމަށް ލައިގެން ބޭންޑްވިތު ބްލޮކްތައް ވިއްކުމުގެ ބަދަލުގައި ސެޓެލައިޓް އިންޓަނެޓަށް ހާއްސަ އިދާރީ މަރުހަލާއަކުން ހިދުމަތް ދިނުމަށް ވެސް ކުންފުނިތަކުން ވަނީ އެދިފަ އެވެ.
ނަމަވެސް ޖިއޯ އާއި ވޮޑަފޯން އައިޑިއާ ބުނާ ގޮތުން އެންމެ ސުލްހަވެރި ގޮތަކީ ސްޕެކްޓްރަމް ބީލަމުގައި ވިއްކޭނެ އުސޫލެއް ކަނޑައެޅުމެވެ.
އީލޮން މަސްކްގެ ސްޕޭސް އެކްސްއިން ސްޓާލިންކް އިންޓަނެޓަށް ބޭނުންވާ މީހުން ޕްރީ ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮއްވައި އިންޑިއާ ސަރުކާރުން ހުއްޓުވީ އިދާރީ މަރުހަލާއެއްގެ ތެރެއިން އެކަން ކޮށްފައި ނުވާތީ އެވެ.