ޓޫރިޒަމް

"މަލާމާތެއް ނުކުރަން، ހާމަކުރީ ރައްޔިތުންގެ އިހްސާސް"

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ނެއްލައިދޫ އިން ކުރީ މާލާމާތެއް ނޫން ކަމަށާއި ހާމަކުރީ ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތް ކަމުގައި ނެއްލައިދޫ ކައުންސިލްއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނެއްލައިދޫއަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.

މިނިސްޓަރު ނެއްލައިދޫއަށް ފައިބައިވަޑައިގެންނެވިއިރު ބަނދަރު ސަރަހައްދުގައި ފުރަތަމަ ވެސް ފެންނާނެހެން ހަދާފައި ރިސޯޓެއްގެ ރިސެޕްޝަން އޭރިއޭ އެކެވެ. މިނިސްޓަރު ރަށުތެރެއަށް ވަޑައިގެންނެވި ވަރަކަށް ރިސޯޓަކުން ވެސް ފެންނާނެ ތަންތަން ފެންނަ ގޮތަށް އިތުރު ތަންތަން ވެސް ހަދާފައި ހުއްޓެވެ. ސްޕާތަކާއި، ދޮންވެލި ގޮނޑުދޮށަކާއި، ޑައިވިން ސެންޓަރެއް ސިފާގޮތަށް ވެސް ތަނެއް ހަދާފައިވެ އެވެ. އަދި އެކި ކަހަލަ މެސެޖުތައް ލިޔެފައިވާ ކަރުދާސްތައް ވެސް ބަހައްޓާފައިވެ އެވެ. ސަރުކާރުގެ ފަތުރުވެރިކަމުގެ ވައުދުތައް ނުފުއްދޭތީ އެކަންވެސް ފާހަގަކޮށްފައިވެ އެވެ. މީގެތެރޭގައި ހދ. އަތޮޅުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ވައިކަރަމުރައިދޫގެ އިތުރުން ނާގޯށީގައި ރިސޯޓް ނުހެދޭތީ އެކަން ފާހަގަކޮށްފައިވެ އެވެ.

ނެއްލައިދޫ ރައްޔިތުންގެ މިއަމަލަކީ މިނިސްޓަރަށް މަލާމާތް ކުރުން ކަމަށް ސޯޝަލްމީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.

ނެއްލައިދޫ ރައްޔިތުންގެ އަމަލުތައް ދިފާއުކުރައްވާ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވީ ރަށުގެ ރައްޔިތުން ހާމަކުރީ އެމީހުންގެ އިހްސާސްތަކާއި ޝުއޫރު ކަމަށެވެ. މީގެކުރިން ޓޫރިޒަމް މިނިސްޓަރަކު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައި ނުވާތީ ރައްޔިތުންގެ އިހުސާސްތައް މިނިސްޓަރާ ހަމައަށް ތަފާތު ގޮތަކަށް ފޯރުކޮށްދިނުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ރައްޔިތުން ކަންކުރި ގޮތް މިނިސްޓަރު ނެންގެވީ ވަރަށް ޕޮޒިޓިވްކޮށް. ވަރަށް އުފަލުން ހުންނެވީވެސް. ރައްޔިތުންގެ އިހުސާސްތައް އަޑު އެއްސެވި. އަދި އެކަން ވަރަށް ގާތުން ބެއްލެވި،" އަލީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތަކާއި ގުޅިގެން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރު ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ނާގޯށީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި ކަމުގައި ވިދާޅުވި އެވެ.

ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުމަށް ހަވާލުކުރުމަށް އާންމު ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި -- އެމްޓީޑީސީ އަށެވެ. އެ ކުންފުނިން ނާގޯށި ތަރައްގީކުރަން ހަވާލުކޮށްފައިވަނީ ދުބާއީގެ އާރްއޭޑަބްލިއު ގަލަދާރީ އަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނެގް ދުވަސްވަރު ރައީސް އިބްރާހީމް ސޯލިހް ހދ. ވައިކަރަދޫ އަށް ވަޑައިގަތުމުން ވައިކަރަމުރައިދޫގައި ރިސޯޓެއް ހަދައިދިނުމަށް އެދި އެ ރަށު ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް ސޯލިހަށް ހުށަހެޅުއްވި އެވެ. ރައީސް ސޯލިހް އެއިރު ވިދާޅުވީ ހދ. އަތޮޅުގައި ރިސޯޓުތަކެއް ތަރައްގީކުރަން ޖެހޭ ކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލުން ކަމަށާއި އެ ސިޔާސަތުގެ ދަށުން ހދ. އަތޮޅުގައި ވެސް ރިސޯޓްތައް ހަދާނެ ކަމަށެވެ.