ވާހަކަ

ހިތުގެ ތެޅުން

" އިފް ޔޫ އެވަރ ފައިންޑް ޔޯސެލްފް ސްޓަކް އިންދަ މިޑްލް އޮފް ދަ ސީ

އައިވިލް ސެއިލް ދަ ވޯލްޑް ޓް ފައިންޑް ޔޫ

އިފް ޔޫ އެވަރ ފައިންޑް ޔޯސެލްފް ލޮސްޓް އިން ދަ ޑާކް އެން ޔޫ ކާންޓް ސީ

އައިލް ބީ ދަ ލައިޓް ޓް ގައިޑް ޔޫ..."

ކަނޑުގެ މަތިން އުދުހެމުންދިޔަ ހޯރަބައިގަނޑުގެ ތޫލި އަޑާއި، ކަނޑުގައި ބީހިލާފައި އަންނަ ފިނި ވައިރޯޅިތަކުގެ ތެރެއިން ފުރޭނިގެން އަންނަ ބްރޯނޯ މާސްގެ މި ހިތްގައިމު އިނގިރޭސި ލަވައިން މުޅި މާހައުލަށް ދިރުން ގެނެސް ދީފައިވެއެވެ. ވަށައިގެން ފެންނަމުން ދަނީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ޙަޤީޤީ ޗާޓެވެ. އުކާލެވިފައިވާ ފެއްސާއި ހުދުން ޖަރީވެފައިވާ އަލިމަހުގެ ޚަޒާނާއެއް ފަދައިންނެވެ. މާދުރުން ފުމެމުންދާ ކޯމަސް ބައިގަނޑުގެ ހިތްގައިމު ފުމުންތަކާއި، ދޭތެރެ ދޭތެރެއިން ކަނޑުމަތިން އުދުހިގެންދާ ފުޅަނގިތަކުގެ އުދުހުންތައް ފެނި ދުއްވަމުންދިޔަ ބިޔަ ކަނޑު ބޯޓުގައި ތިބި ޒުވާނުން އާޝޯޚުކުރުވަމުން ގެންދިޔައެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށްތައް ބަލާލުމަށް، ދިވެހިރާއްޖެއިން ހޮވާލެވުނު ފަސްސަތޭކައެއްހާ ޒުވާނުން، ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮތް އެންމެ ބިޔަ ކަނޑު ބޯޓުގައި އެއްތަންވެލި ތާރީޚީ ދަތުރެވެ. މިއަހަރުގެ ޒުވާނުންގެ ދުވަހާއި އެކުވެގެން އައި އަޟުޙާ ޢީދު ދުވަހުގެ ހަދިޔާއެވެ.

ކަނޑުގެ އޮމާން "ދޫލަ" މަތީގައި މަޑު ދުވެއްޔެއްގައި ބޯޓު ދުއްވަމުން ދިޔައިރު، ވަށައިގެން ފެންނަމުން ދިޔަ ރީތި މަންޒަރުތައް އެ ޒުވާނުންގެ ކެމެރާތަކުގައި ޤައިދު ކުރަމުން ދިޔައެވެ. އައު ލޯބިވެރިން ހޯދައި ޙަޔާތުގެނައުގެ ހުންގާނު ލޯބިވެރިޔާއަށް ރަސްމީކޮށް ހަވާލުކޮށް ކައިވެނީގެ ވަޢުދުވި އެތައް ޒުވާނުންނެއްވެސް ވިއެވެ. މާހައުލު އެހާވެސް ހިތްގައިމުވެފައި ހިތަށް ފިނިކަން ލިއްބުވައިދެއެވެ.

ވަމުންދިޔަ ހުރިހާކަމެއްގެ ޚަބަރެއްނެތި އެކަހެރިވެފައި ތިބީ ހަނާން އާއި ކައިފްއެވެ. މުޅިއަކުން އެހެންނެއްވެސް ނޫނެވެ. ހަނާންގެ ކުޑަކުޑަ ދެލޮލުގެ ތެރޭގައި އެވަގުތު ރަސްކަންކުރަމުން ދިޔަ ކައިފްގެ ސޫރައަށް ހަނާންގެ ހިތާ ރޫހުން ފިދާވެ ވަށައިގެންވާ މާހައުލުގައި ހިގަމުންދިޔަ ކަންތައްތަކާމެދު އޭނާ ކިތަންމެ ވަރަކަށް ޣާފިލްވެފައި ވީނަމަވެސް، ހަނާންގެ އެ ގައިގޯޅިކަމާއި، ކައިފްގެ އެންމެ ނަޒަރަކަށް އޭނާ ކުރަމުން ދިޔަ އިންތިޒާރާމެދު ކައިފްގެ ހިތުގައި އެއްވެސް ޝައުޤެއްނުވާފަދައެވެ. ދުވަހަކު އެއަތުން ރެކިގެން ނުދެވޭފަދަ، ބާރަށް ކައިފުގެ އަތުގައި ހިފަހައްޓާލައިގެން ހަނާން ހުރިނަމަވެސް ކައިފްގެ ހިތުގެ ލަގަން ހަނާންނަށް އެއްވެސް ގޮތަކަށް މިލްކުކޮށްދީފައެއްނުވެއެވެ.

ހުރިހާވެސް ބަދުނަސީބަކާއި، ކައިފުގެ އެ ހަމަހިމޭންކަމުގެ، ފަހަތުގައި ފޮރުވިފައިވަނީ ހާލަތު، އޭނާގެ މައްޗަށް ފޯރުވާފައިވާ މަޖުބޫރީގެ ގަދަފަދަ ކަމެވެ.

*********

"އެއީވެސް ކަޕްލް އެއްތަ؟ ނުވެސް ގުޅޭ.. ރީތި މީހެއް ނަމަވެސް އޯކޭ އޭނާގެ އަތުގައި އެލިގަނެގެން ހުންނަން...ހުއް" ތުންފިއްތާލަމުން ކައިރީގައިއިން ވަށް މޭޒުގެ ވަށައިގެން އަތުރާލެވިފައިވާ ގޮނޑިތަކުގައިތިބި ފަސް އަންހެން ކުދިންނަށް ބަލާލަމުން ތަންކޮޅެއް ދުރުގައި ބޯޓުގެ ވަށައިގެން ލެވިފައިވާ ރެއިލިން ގަނޑުގައި އެއް އަތް އަޅުވާލައިގެންތިބި ހަނާންއާއި ކައިފަށް އިޝާރާތްކުރަމުން ޒަހުރާ ބުނެލިއެވެ.

މިދަތުރު ފެށުނީންސުރެ ކައިފްގެ ބޯކޮޅުބަލަމުން، ކައިފްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ އެރީތި ޒުވާނާގެ މައްޗަށް ޒަހުރާގެ ހިތް ދޫކޮށްލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ރައްޓެހިންގެ ކުރިމަތީގައި ޖޯކަކަށް ވިޔަސް ރީތި ކޮންމެ ފިރިހެނަކަށް އޭނާގެ ހިތް އަބަދުވެސް ދޫކޮށްލެވޭ އުޞޫލުންނެވެ.

"ޖޭ ބޮކި ދިއްލެން ފެށީ ދޯ. ސާބަސް.... އޯކޭ ، އޭނަ ހަޑި. އެކަމް އޭނާއަށް އެކަހަލަ ރީތި ބީ.އެފް އެއްލިބިއްޖެއެއްނު. ޒަހުރާ ތިއުޅެނީ ތިގޭދޮށުގައުޅޭ ހޮޅިބެ ވެސް ސެޓްނުވެގެން....ސޯ...؟." ޒަހުރާއާ ދިމާކޮށްލުމުގެ ބޭނުމުގައި އިފާޝާ އެހެން ބުނެލުމާއެކު ކައިރީގައި ތިބި އެންމެންގެ ހިނިގަނޑު ފަޅައިގެން ހިގައްޖެއެވެ.

"އަނގަ މަޑުން ލައިގެން އިނދޭ!.." އެއާއެކު ޒަހުރާ ފުންމައިގެން ތެދުވެ އިފާޝާގެ އިސްތަށިގަނޑުގައި ހިފާ ނިކަން ބާރަށް ލުތްކެއް ޖަހާލިއެވެ.

"އައްދިއްޔޯއި...!..." ހިނިގަނޑު ބަނޑަށް ހިންދާލަމުން ޒަހުރާގެ ފައިގައި ޖަހާލަމުން އިފާޝާ ބުނެލިއެވެ.

"އެތަނުގަ އެ އަންހެނާގެ ބަދަލުގަ ޝައިލީން އެފިރިހެންކުއްޖާގެ އަތުގައި ހިފަހައްޓާލައިގެން ހުރިނަމަ، މަންޒަރުވެސް ރީތިވީސް ކަންނޭނގެ ދޯ...ކޮބާތަ އޭނަ؟"

ރައްޓެހިންގެ ދިމާކުރުންތަކަށް އާދަވެފައިވާ ޒަހުރާ ވާހަކަ އަނބުރާލުމުގެ ގޮތުން އެންމެފަހުން ބުނެލިއެވެ. އެއާއެކު ތަންކޮޅެއް ދުރުން އެމީހުންނާ ދިމާއަށް ހިނގަމުން އައި ހިމަތޮޅި ރީތި އަންހެން ކުއްޖާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތަކާއެކުވެ ޒުވާނާގެ އިސްތަށިގަނޑު ވިހުރުނަ ނުދިނުމަށްޓަކައި އޭނާގެ އަތުން އިސްތަށިގަނޑު ހައްޔަރުކުރުމަށް ކުރަމުން ދިޔަ މަސައްކަތް ހިތްގައިމުވި އެތައް ޒުވާން ފިރިހެންކުދިން އެތަނުގައި ތިބިކަން އެނގެނީ އެކޮންމެ ޒުވާނެއްގެ ނަޒަރު އެއަންހެން ކުއްޖާއަށް ހުއްޓިފައިވިލެއް ޝައުޤުވެރިކަމުންނެވެ. އޭގެ ތެރެއިން ވެސް ކައިފްގެ ބެލުމުގައި އެ އަންހެން ކުއްޖާއަށް ޚާއްޞަ ޤަދަރަކާއި ލޯތްބެއް އެކުލެވިފައިވާހެން ހީވެއެވެ.

ކައިފްގެ އެ ބެލުންތައް އެ އަންހެންކުއްޖާއަށް ވަންހަނާވެފައެއް ނުވެއެވެ. ހިތްތައް ޤަތުލުކުރުވާފަދަ ޤާތިލީ އަދާތަކުން، ބަނޑި ބަނޑި ލައްވަމުން ފަރި ހިނގުމެއްގައި އޭނާ ހިނގަމުން އައި އިރު "ލޭ" ގެ ފޮދުވަރެއްފަދަ ރަތްކަންގަދަ އެތުންފަތުގައި ވަނީ ސިއްރުން ފުރިފައިވާ ފަދަ ލުއި ހިނިތުންވުމެކެވެ. ދިގު އެސްފިޔަތަކުން ހިޔާ އެޅިފައިވާ އެރީތި ކަޅިރަވައިގައި ވަނީ ކައިފް ފަދަ އެތަށް ޒުވާނުންނެއް، އެބެލުމުން ފިދާ ކުރުވާފަދަ މަސްތީ އަސަރެކެވެ.

އަމާޒުވަމުންދިޔަ ބެލުންތަކާމެދު ފަރުވާލެއްނެތްކަން ދައްކަމުން އަންހެންކުއްޖާ ގޮސް ޒަހުރާމެން ތިބި މޭޒުކައިރީގައި އިށީނދެލިއެވެ.

"އޯހް... ތިހިރަ ފަރިކަމެއްތާދޯ...ޖޭ ވޭ ވަރަށް.." ހިތާދިމާލުން މޭގައި އަތްއަޅާލަމުން އެހެން ބުނަމުން ޒަހުރާ މޫނަށް ޖައްސާލި ވައްތަރުން އެންމެންނަށްވެސް ހެވުނެވެ.

"ޝައިލީން ކޮންތާކަށް ގޮސް ތިއައީ؟" އަންހެން ކުއްޖާގޮސް އިށީނދެ ގޮނޑީގައި ހަމަޖެހިލުމާއެކު އިފާޝާ ސުވާލުކުރިއެވެ. ޖަވާބުގައި ހަމައެކަނި ހިނިތުންވެލަމުން އޭނާ އައިދިމާލުން ތަންކޮޅެއް ދުރުގައި ތާސްކުޅެން ތިބި ދެތިން ފިރިހެން ކުދިންނަށް އިޝާރާތްކޮށްލިއެވެ.

"އޯހް... ޕްލީޒް.... ޑިސްކޮޓިއަސް ޕާރސަން....." ވީ ފޫސެއްގެ ބޮޑުކަމުން ތާސްކުޅެންތިބި ތިން ޒުވާނުންގެ ތެރެއިން މެދަށް އިން ޒުވާނާއަށް ބަލާލަމުން އިފާޝާއަށް ދަތްކުނޑިވިކާލެވުނެވެ.

"ކީއްވެތަ ތިމީހުން ޖަނާ ދެކެ ތިހާ ފޫހިވަނީ؟ ޖަނާ އަކީ އަސްލު ވަރަށް ލޯބި މީހެއް..." ޖަނާހުއަށް ބަލާލަމުން ދަތްދޮޅީގައި ދެއަތް ވިއްދާލައި ދެއަތުގެ އުޅަނބޮށި މޭޒުމަތީގައި އަޅުވާލަމުން ރީތި ހުވަފެނެއްގެ ތެރެއަށް ގެނބެމުން ދިޔަ މީހަކު ފަދައިން މަޑުމަޑުން ޝައިލީން ބުނެލިއެވެ.

"ޝައިލީންއަށް އޭނައަށްވުރެ މާރަނގަޅު މީހުންވާނެ. އެނގެއެއްނު އޭނާ..."

އިފާޝާއާ އެއްބައިވެލުމުގެ ގޮތުން ޝަހުމާ ބުނަން އުޅުނުބަސް ޝައިލީން އަތުގެ އިޝާރާތުން ހުއްޓުވިއެވެ.

"އެއީ އޭނަގެ ޕާސްޓް. އެއީ އަހަންނާ ބެހޭ ކަމެއްނޫން."

ޖަނާހުއާބެހޭ ގޮތުން ޝައިލީންގެ ރައްޓެހިން ދެކޭ ގޮތާމެދު އޭނާ އަބަދުވެސް ހިތްހަމަނުޖެހެއެވެ.

ޖަނާހުގެ މާޒީގައި ހިނގާފައިވާ ކަންކަން ހޯދުމަށް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ޝައިލީންގެ ހުރިހާ ޝައުޤުވެރިކަމެއް ގުޅިފައިވަނީ ޖަނާހުގެ ރީތި ކަމާއި ރަސްކަލެއްފަދަ އަރާމްތަނަވަސް ދިރިއުޅުމާއެވެ. އަމިއްލަ މަސައްކަތުން ޒުވާން ޢުމުރުގައި ކާމިޔާބުގެ ބޮންތިއާ ހަމައަށް ވާޞިލްވި ފިރިހެނެއްގެ ކިބާގައި އޭނާގެ ރައްޓެހިންނާއި ގާތް މީހުން އެބުނާފަދަ އައިބު ސިފަތަކެއް ހުރެދާނެ ކަމަށް ޝައިލީން އެއްގޮތަކަށްވެސް ޤަބޫލެއްނުކުރެއެވެ. މީހުން ކިޔާ އެއްޗެހި ޤަބޫލު ކުރުމަށްވުރެ ޝައިލީން އަކީ ބޯހަރުކަމާއި ގޮތް ދޫނުކުރުމުގައި އަރާ ހުރި ޒުވާނެކެވެ.

ސިކުނޑިން ގޮވާގޮވުންތަކަށްވުރެ ހިތުގެ އެދުންތަކަށް އިޖާބަދޭ އަންހެން ކުއްޖެކެވެ.

ޝައިލީން އާއި ޖަނާހު ބައްދަލުވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ވަޒީފާގެ އިންޓަވިއުއަކަށް ޖަނާހު ގެ އޮފީހަށް ދިޔަ ދުވަހެއްގައެވެ. ޙަޤީޤީ ޢާލަމުން އުފުލިލައި ހުވަފެނީ ޢާލަމަކަށް ދަތުރު ކުރެވުނުފަދަ އުފާވެރި ހިނދުކޮޅު ޝައިލީނަށް ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވުނީ އެދުވަހު ފުރަތަމަ ފަހަރަށް ޖަނާހުފެނިލުމުންނެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ ރޯޝަންކުރުވާ ފަދައިން އެދުވަހު ޖަނާހުގެ ތާޒާ މޫނަށް ވެރިކުރުވި ހިނިތުންވުމުން އަބަދަށް ދެމިގެންވާފަދަ ގޮތަކަށް ޝައިލީން ގެ ހިތް ރޯޝަންކުރުވިއެވެ. އިންޓަވިއުގައި ޖަނާހު ފެނި އާގަމަވެ، ބަހެއް ނުބުނެވި އިންނަންޖެހުނަސް، ޖަނާހުއާ އެންމެ ގާތުގައި އުޅޭވޭ މަޤާމު ޚުދު ޖަނާހު އޭނާއަށް ހަމަޖައްސައިދިން ދިނުން އޭނާއަށް ތަރުޖަމާކުރެވުނީ، އެއީ "ހިތްކިއުމެއް" ގެ ގޮތުގައެވެ.

އެހެންނޫންނަމަ، އެ ވަޒީފާގެ އިންޓަވިއުގައި ބައިވެރިވި އެތައް އަންހެން ކުދިންނެއްގެ ތެރެއިން ޖަނާހު އޭނާ އިޚުތިޔާރުކުރީ ކީއްވެ ހެއްޔެވެ؟ ޖަނާހު އެނގެމުން ދިޔަވަރަކަށް، އޭނާގެ ޝަޙުޞިއްޔަތުގެ ހަރުދަނާކަން ޝައިލީންއަށް ފާހަގަ ކުރެވެމުން ދިޔައެވެ. އޭނާ މަސައްކަތަށް ދޭ އަހައްމިއްޔަތު ކަމެވެ. ދަށަށް ތިބޭ މުވައްޒަފުންނާ އޮންނަ ގާތް ގުޅުމެވެ. އޮފީސް މާހައުލުގައި ޖަނާހު އަކީ "ބޮސް" އެއްގެ ގޮތުގައި އެހެން މުވައްޒަފުންނަށް އަންގަދޭން އޭނާ ދުވަހަކުވެސް މަސައްކަތެއް ނުކުރެއެވެ.

މިދަތުރުގައި، ދަތުރުގެ ބައިވެރިންކޮޅަކާއެކު ތާސްކުޅެން އިށީނދެ ދެފައި ވަށްކޮށްލައިގެން ޖަނާހު އެއިން އިނުމަކީވެސް އޭނާގެ ހިތްތިރިކަން އަންގައިދޭ ކަމެއްކަމުގައި ޝައިލީން ދުއްޓެވެ. މީގެ އަހަރުތަކެއް ކުރިން ޖަނާހުއާ ގުޅޭގޮތުން ދެކެވުނު ވާހަކައަކީ ޙަޤީޤަތެއް ކަމުގައި އޭނާގެ ރައްޓެހިން ގަބޫލުކުރިޔަސް، ޝައިލީން އެވާހަކަތައް އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރެއެވެ.

ޖަނާހުއާއެކު ހޭދަކުރެވެމުންދިޔަ ދުވަސްތައް އިތުރުވި ވަރަކަށް ޝައިލީންގެ ހިތުގެ ކަނެއްގައި ޖަނާހުގެ ނަން ރަން އަކުރުން ފެވެމުންދިޔައެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރު ފޯރުވައި، މަޤުޞަދުގެ ދޮރުއަށްޓާ ހަމައަށް ވާޞިލްވުމަށް އޭނާ ކަނޑައަޅާފައިވާ ޢަަޒުމު ބަލިކަށި ކޮށްލުމަކީ "ފެއިލް" ވުމެއްކަމުގައި އޭނާ ދެކެއެވެ. އޭނާގެ ހިތުގައި ކަނޑާނެގެމުން ދިޔައީ ޖަނާހުގެ ރީތި ސޫރަ ކަމުގައިވިޔަސް، އެ ލޮލުގައިވަނީ ކައިފްގެ ފަނޑުވުމެއްނުވާ ތަސްވީރެވެ. ހުރިހާ ރޭވުމެއް ވަނީ ޝައިލީންގެ ހިތުގައި ތަރުތީބުކަމާއެކު ރޭވިފައެވެ. ކާމިޔާބުވުމާ ނުވުން ތަޤުދީރުގެ އަތް މައްޗަށް ދޫކޮށްލައިގެން އޭނާ ހުއްޓަކަސް، އެކޮންމެ ރޭވުމަކަށް ކާމިޔާބުގެ ނިމުމެއް ގެނައުމަށްޓަކައި ހުރަސްކުރަންޖެހުނު ކޮންމެ އޮޅިއެއް އޭނާ ހުރަސްކުރާނެއެވެ.

******

ހުނުމާ މަޖަލުގައި ވަގުތު ފާއިތުވެގެން ދިޔަގޮތްވެސް ނޭނގި ތިއްބައި ފެނުން ތޮޅެލި އާދުވަހުގެ އިރާއެކު، ދުއްވަމުންދިޔަ ބޯޓު ކޮންމެވެސް ރަށެއްގެ ބަނދަރާ ކައިރިކޮށްލައިފިއެވެ. އެއްވާނަކަށް ޖަހަމުންދިޔަ ބެރުގެ އަޑުން ލޭކައްކުވާލާ ފަދަ ޖޯޝެއް އުފައްދަމުން ދިޔައެވެ. ކައިރި ގޭގެއިން އިވެމުން ދިޔަ ޢީދު ތަޙުނިޔާގެ ހިތްގައިމު ލަވަތަކުން އެޖޯޝާއި ފޯރި އިތުރުކޮށްދީފައިވެއެވެ. އެރަށުގެ ބަނދަރަށް ބޯޓު ކައިރި ކުރަމުން ދިޔައިރު، މުޅި ރަށުގެ ހުރިހާ ރައްޔިތުންހެން، މި ފައްސަތޭކައެއްހާ ޒުވާނުންގެ ވަފުދަށް މަރުހަބާ ކިޔުމަށް މާފަތިތައް ހިފައިގެން ނުކުމެތިއްބެވެ. މަރުހަބާގެ ލަވަތައް ކިޔައި ތާރަޖެހުމާއި ކުރުފަލި ޖެހުންފަދަ ޘަޤާފީ ކުޅިވަރުތަކަށް ފައިހަމަކުރަމުން ދިޔައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. މިދަތުރުގައި ބައިވެރިވި ކޮންމެ ޒުވާނަކީވެސް ފަންނީ މާހިރެކެވެ. ގިނައިންތިބީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނާއި، ލޯޔަރުންފަދަ ފަންނީ ވަޒީފާތައް އަދާކުރަމުންދިޔަ ޒުވާނުންނެވެ.

ވެފައިހުރި އުފަލެއްގެ ބޮޑުކަމުން ނިކަން އަވަސް އަރުވާލާފައި ރައްޓެހިކުދިންކޮޅާއެކު، އެރަށުގެ ބަނދަރަށް ފައިބަން ޝައިލީން އަވަސްވެގަތެވެ. ފަޅުތެރޭގެ ރާޅުބާނިތަކުގައި ޖެހި ބޯޓު ލުއިގޮތަކަށް ދެފަރާތަށް ކިރެލުމާއެކު ޝައިލީން އަރިއަޅާލާގޮތްވެ ނިކަން ފަސޭހައިން ބޯޓުގެ ތައްޓުމައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. ވެއްޓެމުންދިޔައިރު އެއްލިއަތުން ކޮންމެވެސް މީހެއްގެ އަތުގައި އޭނާއަށް ހިފުނެވެ.

" ހަހަހަހަ... ނަސީބެއްނު ލުއިކަމުން ވަޔަށް އަރައިގެން ނުދިޔަކަން...."

ޒަހުރާއާ އެއްބައިވެ ތިބެ އިފާޝާއާއި ޝަހުމާވެސް ހެމުން ގެންދިޔައެވެ. އެމަންޒަރު ފެނުނު ކޮންމެ މީހަކަށްވެސް އެކަންވީ މަޖަލަކަށެވެ.

"އަދިވެސް ހެނީތަ؟ ހަމައަސްލަށްވެސް، މަށަށް ތަދުވެއްޖެ.."

އިޙުސާސްކުރެވުނު ލަދުވެތިކަމުގެ ބޮޑުކަމުން، ދެ ލޯމަރައި ބާރުކޮށްގެން އިރުކޮޅަކު އޮތުމަށްފަހު ޝައިލީން ދެ ލޯ ހުޅުވާލަމުން ބުނެލިއެވެ. އެއާއެކު އޭނާގެ ހިތް ނިކަން ބާރަށް ތެޅިލިއެވެ.

ކައިވަތެއްހާ ދުރުމިނުގައި ކުޑަކޮށް ގުދުވެލައިގެން ޝައިލީންގެ މޫނަށް ބަލަން އޮތީ ކައިފްއެވެ.

ކައިފްއަށް ލިބިފައިވަނީ ޖަނާހުގެ ރީތިކަން ފަނޑުކޮށްލާފަދަ ރީތިކަމެކެވެ. މަސްތީ ދެލޮލާއި، ދޮން މޫނެއްގެ ވެރިއެކެވެ. އިސްކޮޅުން ދިގުވެފައި ބާމަތި ފުޅަލެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލާފައިވާއިރު، ކަންހުޅި އިނީ އާދައިގެ ވަރަށްވުރެ ތަންކޮޅެއް ދިގުކޮށެވެ. ލައިގެންހުރި ކަޅު ކުލައިގެ ގަޔަށް ބާރު ޓީޝާޓާއި ގަދަ ނޫންކުލައިގެ ޖީންސުން އޭނާގެ ފިރިހެންވަންތަ ހަށިގަނޑުގެ ވަނާތައް ފައުޅުވަމުން ދިޔައެވެ. ޝައިލީންގެ ޙަޔާތުގައި ދިމާވި ހުރިހާ ހިތްދަތިކަމަކާ ގުޅިފައިވަނީ ކައިފްގެ އެރީތި ސިފައެވެ. ކަނޑިއެއްގެ މިޔަފަދަ އެތޫނު ދެލޮލުގެ ނަޒަރުން ކޮށްލި "ސަމާސާ"އެކެވެ. އެހިތުގައި ކައިފްއަށްޓަކައި އެއްވެސް އިޙުސާސެއް ނެތަސް، ހިތްފުރޭ ވަރަށް ޝައިލީން ކައިފްއަށް ބެލިއެވެ. އެހިތުގައި ރޭވެމުންދިޔަ ކުޅިބައި، އޭނާގެ ކޮޅަށް އަނބުރާލުމުގެ ނުރައްކާތެރި ޤަސްދާއެކުގައެވެ.

ކައިފަށް، ޝައިލީން އެހާ ކައިރިން ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން، ޝައިލީންގެ މައުޞޫމް މޫނަށް ބަލަން އޭނާއަށް ހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭނގުނެވެ. ޝައިލީންގެ އެސޫރައާއެކު ކައިފްގެ ހިތުގައި ދުރު ހަދާންނެއްގެ ކުރެހުން އެޅެމުންދިޔައެވެ. (ނުނިމޭ)