ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޗައިނާއަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއް: ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގޮތުގައި ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމުގައި ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިއްސާކުރައްވަމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ރާއްޖޭގައި ފުރަތަމަ ހިންގުނު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު -- ސިނަމާލެ ފްލެޓްތަކާއި، ހިޔާ ފްލެޓް މަޝްރޫއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ފާހަގަކުރެއްވި އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑިސެލިނޭޝަން މަޝްރޫއުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިގުތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާ ކަން ފާހަގަކުރެއްްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ "ވަން ޗައިނާ ޕްރިންސިޕަލް"އާއި ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ. އެހެން ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް ރާއްޖެއިން އަބަދުވެސް އިހްތިރާމު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، ޗައިނާ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ގުޅުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ރާއްޖެއާ ޗައިނާއަކީ ތަރައްގީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިއަށްދާ އަހަރުތަކަކަށް ދެމިގެންދާ ދެ ގައުމު،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްގީގެ ދާއިރާގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމާއި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިންއާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.