ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށާއި 2026 ވަނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭ ސުކޫކުގެ ބޮޑު ޕޭމަންޓް ދެއްކުމަށް މިވަގުތަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރުން ދެން އެންމެ އަވަހަށް ދައްކަންޖެހޭ އެންމެ ބޮޑު އެއް އަދަދަކީ ކުރިއަށް އޮތް އޮކްޓޫބަރު 8 ވަނަ ދުވަހުގެ ކުރިން ސުކޫކަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ނުވަތަ 385.5 މިލިއަން ރުފިޔާގެ ކޫޕަން ޕޭމަންޓް ކަމަށެވެ.
"މިފައިސާ އަޅުގަނޑުމެންނަށް ދެއްކޭނެ. މިކިޔަނީވެސް އަންނަ މަހުގެ ވާހަކަ. އަޅުގަނޑުމެން އެ ޔަގީންކަން އޮތީމާ ކޫޕަން ޕޭމަންޓަށް ވުރެ ބޮޑަށް އަޅުގަނޑުމެން މި ތައްޔާރުވަނީ 2026 ވަނަ އަހަރު އެއްފަހަރާ ދައްކަންޖެހޭ ބޮޑު އަދަދު ދެއްކުމަށް،" ޝަފީގު ވިދާޅުވި އެވެ.
އަންނަ މަހު ދެވަނަ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރަކީ ރާއްްޖެއިން ދުނިޔޭގެ މާލީ ބާޒާރުގައި 2021 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެއްގެ ފައިސާ އެވެ. މި ސްކޫކަށް ދައްކަންޖެހުނު ފުރަތަމަ ކޫޕަން ޕޭމަންޓް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް ސަރުކާރުން ވަނީ ދައްކާފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު އޮތް ހާލަތު މިއަހަރުގެ އޭޕްރީލް މަހު ނެތް ނަމަވެސް އޭރުވެސް ކޫޕަން ޕޭމަންޓް ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އޭރު ދެއްކި ގޮތަށް އޮކްޓޫބަރު މަހުވެސް ސްކޫކުގެ އަދަދު ދައްކާނެ ކަމަށާއި އޭރުން އެ ސްކޫކަށް މިއަހަރު ދައްކަންޖެހޭ އަދަދު ދައްކާ ނިމުނީ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އޮކްޓޫބަރުގެ ޕޭމަންޓާ އެކު އިންވެސްޓަރުންނާއި މާލީ ދާއިރާގެ ކޮންފިޑެންސް ބޮޑުކުރެވޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ބޮޑު އަމާޒެއް އޮތީ 2026 އަށް
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރިޒާވް އިތުރުކުރުމަށާއި 2026 ވަނަ އަހަރު ދިވެހި ދައުލަތުން އެއްފަހަރާ ދައްކަންޖެހޭ 250 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ކަމަށެވެ.
ޝަފީގު ވިދާޅުވީ ލޯނަށް ފައިސާ ދެއްކުމަށް ދަތި ހުރި ކަމަށާއި އެހެންނަމަވެސް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއި، އިގްތިސާދު ސިންދަފާތު ކުރުމަށް ފަށާ އާ މަސައްކަތްތަކާ އެކު ލިބޭ އާމްދަނީއަކުން ފައިސާ ދެއްކޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ހަދާފައިވާ އެސްޑީއެފްއަށް މިހާރުވެސް 70 މިލިއަނެއްހާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭރުގެ މާލީ އިދާރާތަކުން ހޯދޭނެ ފައިސާ ވެސް ހުންނާނެތީވެ 2026 ވަނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެ ދައްކަންޖެހޭ ވަގުތެއްގައި ދެއްކޭނެ ކަމުގެ އުއްމީދު ތަފާސްހިސާބުތަކުން ފެންނަ ކަމަށްވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑިފޯލްޓެއް ނުވާނެ. އެކަމަކު މިކަން ވާނީ އެންމެންވެސް ހަރަދު ކުޑަކޮށް، ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދީގެން،" ޝަފީގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2026 ވަނަ އަހަރު ދަރަންޏަށް ފައިސާ ދެއްކުމަށް ގޮންޖެހުން ބޮޑުވެފައި އޮތީ އެއްފަހަރާ ދައްކަންޖެހޭ ގޮތަށް ނަގާފައިވާ ސްކޫކެއްގެ ސަބަބުން ކަމަށެވެ. މިސަރުކާރުންވެސް ލޯނު ނަގާނެ ކަމަަށާއި އެހެންނަމަވެސް އެކަން ކުރާނީ ބަހާލައިގެން ރާއްޖެއަށް ފައިސާ ދެއްކޭނެ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުން ފެށިގެން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ހެޔޮ ފައިދާ ރިޒާވްއަށް ވެސް ކުރާނެ ކަމަށާއި މިމަހުގެ ތެރޭގައި ރިޒާވްއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިމަހުގެ އަށްވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އިން ރިޒާވްގެ އެންމެ ފަހުގެ މުހިއްމު މައުލޫމާތުތަކެއް ހާމަކުރާނެ. އޭރުން އަޅުގަނޑުމެން އެންމެންނަށް އެނގޭނެ ރިޒާވް ރަނގަޅުވަމުން އަންނަކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިވަގުތަށް އޮތް ގޮންޖެހުމެއް
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ރާއްޖެއާއި ބޭރުގެ ނަން މަޝްހޫރު ނިއުސް އެޖެންސީތަކުން އަދި ބައެއް ފަރާތްތަކުން ހާމަކުރާ ބައެއް މައުލޫމާތުތަކުގެ ސަބަބުން ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ފައިސާ ލިބޭނެ ގޮތްތައް ހުރި ނަމަވެސް އަނބުރާ ދައްކަންޖެހޭއިރު ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުން ކަހަލަ ކަންކަން ކުރިމަތިވާ ކަމަށެވެ.
"ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން އެންމެ ރަނގަޅު ނޫން މައުލޫމާތު ފަތުރާތީ މިފަދަ ބައެއް ދަތިތައް އެބަހުރި. އެކަމަކު އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތާ އެކު އިރާދަކުރެއްވިއްޔާ މިއުދަނގުލުންވެސް އަރައިގަނެވޭނެ،" ޝަފީގު ވިދާޅުވި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރިޒާވްގައި ހުރީ 395 މިލިއަން ޑޮލަރެވެ. މީގެތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ރިޒާވަށް ބުރަ ބޮޑުވެފައިވާތީ އިންޑިއާގެ ސެންޓްރަލް ބޭންކް ނުވަތަ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށާއި ރީފައިނޭންސިން ގްރީން ބޮންޑެއް ވިއްކުމަށްވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.