ދުނިޔެ

ޔޫރަޕުން ޗައިނާއަށް ބަރޯސާވާ މިންވަރަށް ސަމާލުވާން ވިސްނަނީ

މުޅި ޔޫރަޕް އެއްބާރެއް ގޮތުގައި ޗައިނާއަށް ބަރޯސާކުރާ މިންވަރު ކުޑަކޮށްގެން ނޫން ގޮތަކަށް މިނިވަން ޖަމާއަތެއްގެ ގޮތުގައި ޔޫރަޕް ނޯންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން ވިދާޅުވެއްޖެ އެވެ.

އުރުސެލާ އަދި ވިދާޅުވީ އެނޫން ގޮތެއްގައި ޔޫރަޕަށް އޮތީ އަޅުވެތިވުމާއި ބިރުވެރިކަން ކަމަށެވެ. ޗައިނާގެ މުށުގައި ފިތި ބާރުވާން ދޫކޮށްލުމަކީ ޚިޔާނާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ރޯމެޓީރިއަލް ހޯދުމުގައި ޗައިނާއަށް މިހާރު ބަރޯސާކުރާ މިންވަރުގައި ދެމިތިބެން ހަދައިގެން ލިބޭނީ ބޮޑު ލަނޑެއް ކަމަށްވެސް އުރުސެލާ ވިދާޅުވި އެވެ.

ޔޫރަޕް ހަކަތައަށް ޖެހި ރަޝިއާއަށް އާދޭސްކުރަން ޖެހިފައި އޮތް ގޮތަށް ޗައިނާއަށް އާދޭސްކުރަން ޖެހިދާނެ ޒަމާނެއް ފެންނަ ފަށުގައި އޮތް ކަހަލަ ކަމަށް ވެސް އުރުސެލާ ވޮން ޑާ ލޭޔަން ވިދާޅުވި އެވެ.

އުރުސެލާ ވިދާޅުވި ގޮތުގައި މޮސްކޯ އާއި ބެއިޖިންއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އަންނަނީ ޔޫރަޕަށް އޭގެ ނޭދެވޭ އަސަރުކުރާ މިންވަރަށެވެ.

އޭނާ އަދި ވިދާޅުވީ ޗައިނާގެ އަމާޒަކީ އިރުމަތީ އޭޝިއާގައި ވަރުގަަދަ ބާރަކަށްވުން ކަމަށާއި ޗައިނާ ކޮޅަށް ދުނިޔެ ބުރަވާ މަންޒަރު ބަލަން ތިބެގެން ފަރުޖެއްސެން ނެތް ކަމަށެވެ.

ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމުގެ ކުރިން، ރަޝިޔާއާއި ޗައިނާއާ ދެމެދު -- ހައްދެއް އަދި އިމެއް ނެތް ދަރަޖައަށް އެއްބާރުލުމަށް -- ސޮއިކުރި އެއްބަސްވުމުގެ ސީދާ އަސަރުތައް ޔޫރަޕަށް ފޯރާނެ ކަމަށް ވެސް އުރުސެލާ ވިދާޅުވި އެވެ.

އީޔޫއަށް މިހާރު ކުރިމަތިވެފައި އޮތް އިގްތިސާދީ ދަތިތަކަށް ވިސްނާއިރު މި ހާލަތު ދިމާވުމުގައި ޔޫރަޕަށް ބާރު ހިންގެން ނެތް ސަބަބުތަކެއް ހުރި ކަމަށް ވެސް އުރުސެލާ ވިދާޅުވި އެވެ.

"އެހެންކަމުން ޔޫރަޕަށް މިހާރު އޮތް ގޮތަކީ ޓެންކޮލޮޖީ ހޯދުމުގައި އަދި ރޯމެޓީރިއަލް ހޯދުމުގައި ޗައިނާއަށް ބަރޯސާކުރާ މިންވަރަށް ސަމާލުވުން" އުރުސެލާ ވިދާޅުވި އެވެ.

ޔޫރަޕަށް ބޭނުންވާ ހަކަތަ ހޯދުމުގައި ރަޝިއާއަށް މާ ބޮޑަށް ބަރޯސާވުމުން ލިބުނު ލަނޑުން އުނގެނެން ޖެހިފައިވާ ކަމަށް ވެސް އުރުސެލާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރަޝިއާ އާއި ޗައިނާގެ އުނދަގޫ އެއްފަހަރާ ޔޫރަޕަށް ލައިގަތް ނަމަ ވަގުތުން އިނދަޖެހޭނެ ކަމަށެވެ.

އުރުސެލާ ވިދާޅުވި ގޮތުގައި ޔޫރަޕް މިންޖުވާން އޮތީ އަދި މިނިވަންވާން އޮތީ ވެސް ޗައިނާ އާއި ރަޝިއާގެ ކިބައިން ސަލާމަތްވެގެންވެ. ޔޫރަޕަށް ކޮންޓްރޯލް އޮންނަ އުފެއްދުންތެރި ސިނާއަތްތަކެއް ފަށަން ޖެހިފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.