ލައިފްސްޓައިލް

ހިނީގެ މޫނުގައި އަަޖައިބުވާވަރުގެ ބިރުވެރިކަމެއް

ލިތުއޭނިޔާގެ ވައިލްޑްލައިފް ފޮޓޯގްރާފަރު ޔޫޖީނިޖަސް ކަވަލިއުކަސް މައިކްރޮސްކޯޕެއްގެ އެހީގައި ނަގާފައިވާ ހިންޏެއްގެ ފޮޓޯއަކީ ކުރިން އަހަރެމެންގެ ހިޔާލަށް ވެސް ނާންނަ ކަހަލަ ބިރުވެރި ފޮޓޮއެކެވެ.

ހިންޏަކީ އަހަރެމެން ކޮންމެ ދުވަހަކު އެ އެއްޗަކާ އެކު ދިރިއުޅޭ އެއްޗަކަށް ވީނަމަވެސް އެސޮރު ކުޑަކަމުން އެ ސޮރުގެ މިބިރުވެރި މޫނު މިހާތަނަށް އަހަރެމެންނަށް ފެނިފައެއް ނުވެ އެވެ.

މި ފޮޓޮއަކީ "އިމޭޖަސް އޮފް ޑިސްޓިންކްޝަން" ތީމްގެ ދަށުން ބޭއްވި ފޮޓޯގްރަފީ މުބާރާތަކަށް ހުށަހެޅުނު އެތައް ހާސް ފޮޓޮއެއްގެ ތެރެއިން އެންމެ މޮޅު 57 ފޮޓޯގެ ތެރޭގައި ހިމެނި އަދި މުބާރާތުގެ އެއްވަނަ ހާސިލުކުރި ފޮޓޮ އެވެ.

ކަވަލިއުކަސްގެ މި ފޮޓޯގެ އަގަކީ އެންމެ 35 ޑޮލަރެވެ. މި ފޮޓޯ ނަގާފައިވަނީ މައިކްރޮސްކޯޕަކުން ފަސް ގުނައަށް މެގްނިފައި ކޮށްގެންނެވެ.

އިންސްޓަގްރާމްގައި ކަވަލިއުކަސް ޕޯސްޓްކުރި މި ފޮޓޯއިން ހިނީގެ ބިރުވެރި ސިފަ ވަރަށް ރީތިކޮށް ހާމަވާން ހުއްޓެވެ.

މިއީ ބިރުވެރި ފިލްމެއްގައި އުޅޭ ބިރުވެރި މަޚްލޫގެއްގެ ވައްތަރު ޖަހާ ފޮޓޯ އެކެވެ. އަދި ހިންޏެއްގެ މޫނު މިހާ ބިރުވެރިވެދާނެ ކަމަށް އަހަރެމެންނަށް ހިޔާލަށް ވެސް ނުގެނެވޭ ފަދަ ބިރުވެރިކަމެއް މި ފޮޓޯގައި ވެއެވެ.

އިންސައިޑާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ކަވަލިއުކަސް ދިރިއުޅެނީ ޖަންގައްޔަކާ ޖެހިގެން އޮންނަ އަވަށެއްގަ އެވެ. ހިންޏެއްގެ ފޮޓޮއެއް މިހާ ފުރިހަމައަށް ނެގުމުގެ ފުރުސަތު އޭނާއަށް ލިބުނީ އެހެންވެ އެވެ.

މި ފޮޓޯ އޭނާ ހުށަހެޅީ "2022 ނިކޯން ސްމޯލް ވޯލްޑް ފޮޓޯމައިކްރޮގްރަފީ" މުބާރާތަށެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވުމުން އެންމެން ހިނީގެ މޫނުގައި ހުރި ބިރުވެރިކަމުގެ ވާހަކަ ދައްކަން ފެށުމުން ކަވަލިއުކަސް ބުނީ އޭނާ އެ ވާހަކައާ އެއްބަސް ނުވާ ކަމަށާއި ގުދުރަތީ ގޮތުން އުފެދިފައިވާ އެއްވެސް އެއްޗެއްގައި ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.