ލައިފްސްޓައިލް

ހަދިޔާކުރި ކިޑްނީން ހާމަވީ ދުވަސްވީ ދެމަފިރިންގެ ލޯބި

ފިރިމީހާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާއި އޭނާ އުފުލަމުންދިޔަ ތަކްލީފުތައް އެންމެ ގާތުން ފެންނަމުން ދިޔައީ އޭނާގެ ލޯބިވާ އަންހެނުންނަށެވެ. އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ލިއޯ ޓުވިޓާގައި ޝެއާކުރި މި ވާހަކައިގައި އޭނާ ބުނެފައިވަނީ ބައްޕަގެ ދެ ކިޑްނީ ފެއިލްވެގެން 98 ފަހަރު ޑައިލެސިސް ހެދި ކަމަށެވެ. އޭގެން ހަމަ ކޮންމެ ސެޝަނަކަށް ވެސް ބައްޕަ އާއެކު މަންމަ ދާ ކަމަށާއި ބައްޕަ ޑައިލެސިސް ހަދާ ނިމެންދެން ހައެއްކަ ގަޑިއިރު މަންމަ އިންތިޒާރުގައި ޑައިލެސިސް ރޫމްގެ ބޭރުގައި އިންނަ ކަމަށެވެ.

އެންމެ ފަހުން ބައްޕަގެ ތަކުލީފުތައް ބަލަން ކުޅަދާނަ ނުވެގެން ބައްޕައަށް ކިޑްނީ ހަދިޔާކުރަން މަންމަ ނިންމި ކަމަށް ލިއޯ ބުނެފައި ވެއެވެ.

"ބައްޕަ 98 ފަހަރު ޑައިލެސިސް ހެދިއިރުވެސް އެންމެ ގާތުން އެތަން ފެނިފައިވަނީ މަންމައަށް. ހަފުތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު 5-6 ގަޑިއިރު ޑައިލެސިސް ހަދާއިރު މަންމަ އިންނަނީ ބައްޕަގެ އަޑު އިވޭ ހިސާބު ކައިރީގައި. ކުޑަ ވަގުތުކޮޅަކަށް ވެސް ދުރަކަށް ނުދޭ. އެންމެ ފަހުން އެ ދެމީހުން މި ވޭނާއި ތަކުލީފުން ސަލާމަތްވުމުގެ މަގްސަދުގައި ބައްޕައަށް މަންމަ ކިޑްނީ ދޭން ނިންމީ. މިއަށް ވުރެ ރީތި ލޯބީގެ ވާހަކައެއް އަހަންނަކަށް އެނގިފައެއް ނެތް،" ލިއޯގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

ލިއޯ ބުނެފައިވާ ގޮތުގައި އޭނާގެ މައިންބަފައިންނަކީ އުމުރުން 70 އަހަރަށް ވުރެ މައްޗަށް ގޮސްފައި ތިބި ދެ މީހުންނެވެ. އެހެންކަމުން މަންމަގެ ކިޑްނީ ބައްޕަ އަށް ލައްވަން ދެ މަހަށް ވުރެ ގިނަ ދުވަހު ތަފާތު ގިނަ ޓެސްޓްތަކެއް ހެދި އެވެ. އަދި ޑޮކްޓަރުން މި ޓްރާންސްޕްލާންޓްކޮށްދޭން އެއްބަސްވީ ވަރަށް ބޮޑެތި ޓެސްޓްތައް ހަދައި ވަރަށް މަސައްކަތް ކޮށްގެންނެވެ.

"އެމީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ ފުރުސަތު ތަނަވަސްވީ ދެ މީހުންގެ ވެސް ހިތުގެ އެއްވެސް މައްސަލައެއް ނޫޅޭކަން ޔަގީން ކުރެވުނީމަ. އެމީހުން އުމުރުން ކިތަންމެ ދޮއްޓަކަސް ހިތުގެ މައްސަލައެއް ދެ މީހުންގެ ވެސް ނެތް. އޯގަންސް ޑޮނޭޓްކުރުމާ ގުޅޭ ގޮތުން މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރި ކުރުވަން ޖެހޭ. މިހާރުވެސް ފަސް ލައްކަ މީހުން ވެއިޓްލިސްޓްގައި އެބަތިބި،" ލިއޯ ލިޔެފައި ވެއެވެ.

ލިއޯގެ މި ޕޯސްޓް ކިޔާފައި ޓުވިޓާގައި ގިނަ ބަޔަކު ވަރަށް ޖަޒުބާތުގައި ޖެހި މި ދެމަފިރިންނަށް ހެޔޮ ދުއާކޮށްފައި ވެއެވެ.