މިނިސްޓްރީން ދީފައިވަނީ ހަ ފެތުންތެރިންގެ ޖާގަ ނަމަވެސް އެއަށް ބެލުމެއްނެތި އަންނަ މަހު އިންޑިޔާގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ފަތާ ޓީމު ހޮވައިފި އެވެ.
މި ޓީމުގައި ހިމެނެނީ ޖުމުލަ 11 ފެތުންންތެރިންނެވެ. އެއީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ހަ ކުޅުންތެރިންނެވެ.
އަންހެން ފެތުންތެރިންނަކީ އައިމިނަތު ޝަޖަން އައި އާއިޝަތު ސާޖިނާ އާއި އައިޝަތު ސައުސަން އާއި އަންމާއު އަހުމަދު ސަލީމާއި އައިޝަތު ހުލްވާ ހުލައިލެވެ. ފިރިހެން ފެތުންތެރިންނަކީ ނިޝްވާން އިބްރާހިމާއި އިސްމާއީލް މުއުތަސިމް އަދްނާނާއި މުހައްމަދު ނައްވާރު އިބްރާހީމާއި މުހައްމަދު ނަޒްރާން ނަޒީރާއި ހަސަން އަޝްރަފާއި މުބާލް އައްޒާމް އިބްރާހީމެވެ. ޓީމުގެ ކޯޗަކީ އިސްމާއީލް ފަރުހާނެވެ. މެނޭޖަރަކީ މަރިޔަމް ނަފްހާ އަލީ އެވެ.
މި ފަހަރުގެ ގޭމްސް އަށް ސަރުކާރުގެ ހަރަދުގައި ފޮނުވުމަށް ސްވިމިން އެސޯސިއޭޝަނަށް ޔޫތު މިނިސްޓްރީން ދީފައިވަނީ ފިރިހެން ހަތަރު ޖާގަ އާއި އަންހެން ދެ ފެތުންތެރިންގެ ޖާގަ އެވެ.
ނަމަވެސް އޮލިމްޕިކް ކޮމިޓީގެ އެހީއާއެކު އެސޯސިއޭޝަންތަކުން ދަނީ އަމިއްލަ ހަރަދުގަ އާއި ސްޕޮންސަރުންގެ އެހީގައި ގޭމްސް އަށް އިތުރު ކުޅުންތެރިންނާއި ޓީމުތައް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ. ފަތާ ޓީމުން މިހާރު ދަނީ ޔޫތު މިނިސްޓްރީންގެ އެހީތެރިކަމާވެސް އެކު ގޭމްސްގެ ކުރިން ލަންކާގައި ފަރިތަކުރުމަށް މަސައްކަތް ކުރަމުންނެވެ.