ރައީސް މުހައްމަދު ނަޝީދު

ޗާގޮސް އަކީ މޮރިޝަސްގެ ތަނެއް ނޫން: ނަޝީދު

Oct 23, 2022
3

ރާއްޖޭގެ ދެކުނު އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަަށް ތާއީދުކޮށް އދ. ގައި ވޯޓު ދިނުމަށް ރާއްޖެއިން ނިންމާފައި ވަނިކޮށެވެ. ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ސަރުކާރުގެ އެ ނިންމުމަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް މޮރިޝަސް އަށް އަށް ދިނުމަށް އެއްބަސްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު މިއަދު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫެރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު މާޗް 12، 2011 ގައި ދިވެހި ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު "ޖޮއިންޓް ކޮމިއުނިކޭޝަން"އެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން އޭރު އެއްބަސްވީ ދެ ގައުމުން ވާހަކަ ދައްކައިގެން ރާއްޖޭގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތް ހެދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި މޮރިޝަސް އިން ކޯޓަށް ދިޔައީ 2020 ވަނަ އަހަރާ ހަމައަށް ދިޔައިރު ވެސް ޖޮއިންޓް ކޮމިއުނިކޭޝަން ތަންފީޒު ކުރަން ދިވެހި ސަރުކާރުން މަސައްކަތް ނުކުރުމުންނެވެ.

"މިހާރު މިވާ ގޮތުން ބައުންޑަރީޒް ކޮމިޝަނުން އިކުއިޑިސްޓޭންސްކޮށް ބައުންޑަރީ ކަނޑައެޅުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ،" ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަަހައްދާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ އެ މައްސަލަ އައިސީޖޭ އާއި އިޓްލޮސް އަށް މޮރިޝަސް އިން ގެންދިޔައީ 2019 ވަނަ އަހަރު އެވެ. މިމައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.