ކުށެއް ކޮށްފައި ސަލާމަތް ވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ފަހަރަށް ކުށް ކުރާ މީހާ ފަޅާއަރައި އޭނާއަށް އަދަބު ލިބެ އެވެ. ނަމަވެސް މިއީ މީހުން ކުށް ކުރުން ހުއްޓާލާ ސަބަބަކަށް ވެސް ނުވެ އެވެ.
ދާދިފަހުން އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހިނގި ހާދިސާއެއްގައި ފިރިހެނަކު ވަނީ އޭނާގެ އަނބިމީހާއަށް އަނިޔާކޮށް ވަޅުގަނޑެއް ކޮނެ އޭނާ ވަޅުލާފަ އެވެ.
ނަސީބަކުން އޭނާ ވަޅުލާފައި އޮތް ވަޅުގަނޑު އެހާ ފުން ނުވުމާއި އަންހެން މީހާގެ އަތުގައި އެޕަލް ވޮޗެއް އޮތުމުން އެ ގަޑީގެ އެހީގައި އަންހެން މީހާ ވަނީ އޭނާގެ "ކައްވަޅުން" ނުކުމެފަ އެވެ. އަދި އިމަޖެންސީ ސާވިސް އަށް ގުޅޭގޮތް އޭނާއަށް ވީވެސް ގަޑި އޮތީމަ އެވެ.
ޖަންގައްޔެއްގެ ތެރޭގައި އަންހެން މީހާ ވަޅުލާފައިވަނީ އަތާއި ފައިގައި ޑަކްޓް ޓެޕް އަޅާ ބަނދެފަ އެވެ. އޭނާގެ ގައިގެ އެތަން މިތަނަށް ވަޅި ހެރުމުން ބޮޑެތި ޒަޚަމްތަކެއް ލިބިފައި ހުއްޓެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފިރިހެން މީހާ އޭނާގެ އަންހެނުން އެތަނަށް ގެނައީ ގަދަކަމުން ކިޑްނެޕްކޮށްގެން ކަމަށް އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވެއެވެ.
އުމުރުން 42 އަހަރުގެ ޔަންގް ސޫކް ކައިވެނިކޮށްގެން އުޅުނީ 53 އަހަރުގެ ޗައެ ކިޔޮންގް ނަމަކަށް ކިޔާ ފިރިހެނަކާ އެވެ.
މި ދެމަފިރިންގެ އަންހެން ދަރިފުޅު ބުނި ގޮތުގައި އޭނާގެ ބައްޕަ ދިރިއުޅެނީ މަންމައާ އެއް ގެއެއްގައެއް ނޫނެވެ. ނަމަވެސް އެއްޗެހި ދޮންނަން ބޭނުންވުމުން އެ ގެއަށް އާދެ އެވެ.
މި ދެމަފިރިން ވަރިވާން ބޭނުންވެގެން ކޯޓަށް ގޮސް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. މިހާރު މި މީހުންގެ މެދުގައި ޖެހިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ވަރިކުރާއިރު އަންހެން މީހާއަށް ގިނަ އަދަދެއްގެ ފައިސާ ފިރިހެން މީހާއަށް ދޭން ޖެހޭތީ އެވެ.
އަންހެން މީހާ ވަޅުލާފައި އޮތް ވަޅުގަނޑުން ތެދުވެ ފުލުހުންނަށް ގުޅުމުން އެމީހުން އައިއިރު އަންހެން މީހާގެ ކަރާއި މޫނާއި ފައިގައި ވެސް އޮތީ ޑަކްޓް ޓޭޕް އަޅާ ބަނދެފައި ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
ގަސްދުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާ އާއި މީހަކު ކިޑްނެޕް ކުރުމުގެ ދައުވާ އަދި ގަސްދުގައި އަނިޔާކުރިކަމުގެ ދައުވާ ފިރިހެން މީހާގެ މައްޗަށް ވަނީ އުފުލާފަ އެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ޖަލަށް ލާފަ އެވެ.