މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ސައުދީގެ ދާހީލީ ވުޒާރާގެ އިސް ވަފްދެއް ރާއްޖެއަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ދައުވަތަކަށް ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

ހޯމް މިނިސްޓްރީގައި މި ވަފްދުގެ ބޭފުޅުންނާ މިނިސްޓަރު އިމްރާން މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ސައުދީ ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ މޭޖާ ޖެނެރަލް ނާސިރު އުސްމާން އަލްނާސިރު އެވެ.

ނުވަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދާހިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މިވަފްދުގެ ބޭފުޅުން ދިވެހި ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މިއަހަރުގެ މާޗް މަހު ސައުދީ އަރަބިއްޔާގެ ދާހިލީ ވަޒީރުގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން މަޝްވަރާތަކެއް ކުރައްވާފަ އެވެ.