ސްޓެލްކޯ

އެފްއޭއެމްއަށް ހިދުމަތް ދޭނީ ބިލްތައް ދެއްކުމުން: ޝަރީފް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކަރަންޓުގެ ހިދުމަތް އަނބުރާ ބޭނުންނަމަ ޖެހޭނީ ކަރަންޓު ބިލަށްވާ ފައިސާ އެއްކޮށް ދައްކަން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ވ އަދި ކ އަތޮޅުގައި ސްޓެލްކޯގެ ހިދުމަތްދޭ ރަށްތަކުގައި މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް އެރަށްތަކުގެ ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއަޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ އެފްއޭއެމްއިން ކަރަންޓު ބޭނުންނަމަ ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ހަލާސް ކުރަންޖެހޭނެ ކަމަށެވެ.

އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ އިހްލާސްތެރި ނިޔަތެއްގައި ނޫން ކަމަށް ބުނެ އެފްއޭއެމްއިން އިއްޔެ ނެރުނު ބަޔާނަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ނެރޭ ބަޔާން ތަކަށް ރައްދު ދޭން ސްޓެލްކޯއިން ބޭނުން ނުވާ ކަމަށާއި ބިލަށް ފައިސާ ދެއްކުމުން ވަގުތުން ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެފްއޭއެމްއިން ސްޓެލޮކޯއަށް ނުދައްކާ ކަރަންޓު ބިލްތަކުގެ އަދަދު 6.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފްއޭއެމްގެ ދަރަނި އެހާ ބޮޑުވުމުން ޝަރީފް ވަނީ އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.

"މިހާ ދުވަސް ވަންދެން ކަރަންޓު ބިލަށް ފައިސާ ނުދައްކާ ތިބީ ކޮން ނިޔަތެއް އޮވެގެންތޯ؟" ޝަރީފް ސުވާލު ކުރެއްވި އެވެ.

ސްޓެލްކޯއިން އެފްއޭއެމް ހައުސްގެ ކަރަންޓު ކަނޑާލުމަށްފަހު ބުނެފައިވަނީ އެފްއޭއެމްއަށް ވަރަށް ގިނަ ފުރުސަތު ދެވިއްޖެ ކަމަށާއި ބިލަށް ފައިސާ ދެއްކޭނެ ޕްލޭނެއް ހަދާ ހުށަހެޅުމަށްވެސް ވަގުތު ދީފައިވާ ކަމަށެވެ.

ސްޓެލްކޯ އަށް ފައިސާ ނުދައްކާނަމަ އެފްއޭއެމްގެ ބެލުމުގެ ދަށުގައި ހުރި އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

އެފްއޭއެމް އިން އެތައް ކުންފުންޏަކަށް ފައިސާ ނުދައްކާ އޮތް އިރު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވެސް އަދި ބައެއް ކުލަބްތަކަށް ވެސް ދޭންޖެހޭ ފައިސާ އެފްއޭއެމް އިން ނުދޭ ކަމަށް ބުނާ މައްސަލަތަކެއްވެސް ފެންމަތިވެފައި އެބަހުއްޓެވެ.