އިނގިރޭސިވިލާތުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އެ ގައުމުގެ ބޮޑުވަޒީގެ މަގާމަށް އައްޔަންކުރަން ނިންމައިފި އެވެ.
އޭނާއަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ޕާޓީން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަންކުރަން ފުރުސަތު ހުޅުވާލުމުންނެވެ.
ރިޝީ ސުނަކަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގައި އެ މަގާމަށް ވާދަކުރެއްވި އަނެއް ދެ ކެންޑިޑޭޓުން -- ލިޒް ޓްރަސްގެ ކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އާއި ހައުސް އޮފް ކޮމަންސް -- އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ލީޑަރު ޕެނީ މޯޑަންޓް ވާދައިގެ ރޭހުން ބޭރުވެ ވަޑައިގަތުން ވެސް ސަބަބަކަށް ވެއެވެ.
އިނގިރޭސި ބޮޑުވަޒީރު ކަމަށް ހޮވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ލީޑަރެވެ. އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮތީ ކޮންޒަވޭޓިވް ޕާޓީ އަށެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ރިޝީ ސުނަކު އައްޔަންކުރަން މިހާރު ނިންމަފައި އޮތްއިރު އޭނާ ވަނީ އޭނާއަށް ތާއީދު އޮތްކަން ސާބިތުކުރަން ބޭނުންވާ 100 އަށް ވުރެ ގިނައިން ސޮއި ހޯދާފަ އެވެ. އެއިން ކޮންމެ ސޮޔަކީ މަޖިލީހުގެ މެމްބަރެކެވެ.
ލިޒް ޓްރަސް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ރިޝީ ސުނަކަށް މަރުހަބާ ދަންނަވައި ސަރުކާރު ހިންގުމުގައި ސުނަކަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އަމިއްލަފުޅަށް ރިޝީ ސުނަކަށް ފޯނުކުރައްވައި އިހުތިރާމާއި އޯގާތެރިކަން ސުނަކަށް އޮތް ކަމަށް ވިދާޅުވި އެވެ.
ލިޒް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމަށް އަލުން ވަޑައިގަތުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވިދާޅުވި އެވެ. އެހެން ނަަމަވެސް ކުއްލި ގޮތަކަށް އެ ޝައުގުވެރިކަން ދޫކޮށްލައްވައި ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވައިފި ނަމަ ޕާޓީ ތެރޭގައި މަސްލަހަތު ގެއްލިދާނެ ކަމަށް ވިދާޅުވި އެވެ.
ބޮރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކާ ގުޅިގެން އިސްތިއުފާ ދެއްވި އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ކޮންޒަވޭޓިވް ޕާޓީ ތެރެއިން ބޭފުޅަކު އަންޔަންކުރަން ހުޅުވާލުމުން އެ މަގާމަށް ޝައުގުވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރިޝީ ސުނަކު ވެސް ހިމެނުނެވެ. އެހެންނަމަވެސް ލިޒް ޓްރަސްއާ ފައިނަލުގައި ވާދަކުރައްވައި ސުނަކަށް ނާކާމިޔާބީ ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތީ އެވެ.
ބޮޑުވަޒީރުގެ މަގާމު ކަށަވަރުވެ ވަޑައިގަތުމުން ސުނަކް ވަނީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ސުނަކު ޓްވިޓާގައި ވިދާޅުވީ "ބްރެކްސިޓް" -- އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަކީ ބުރަބޮޑު އިޚުތިޔާރެއް ކަމަށެވެ. އެކަމަކު ވެސް ބޮރިސް އެ ގޮތް އިޚުތިޔާރު ކުރައްވައި އިނގިރޭސިވިލާތް ފާލުން ނެއްޓިގެން ދިޔަނުދެއްވައި ހިފެހެއްޓެވި ކަމަށެވެ.
ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތަށް ދިމާވި ތަކުލީފުތަކުގައި ހޭލާ ހުންނަވައި ވެކްސިން ޕްރޮގްރާމް ފައްޓަވައި ގައުމު ހަމައަކަށް އެޅުއްވީ ވެސް ބޮރިސް ކަމަށް ސުނަކު ވިދާޅުވި އެވެ. އަދި އެކަމަށް އިނގިރޭސިވިލާތުން އަބަދުވެސް ބޮރިސްއަށް ޝުކުރު އަދާކުރާނެ ކަމަށް ވިދާޅުވެ ސުނަކް ޓްވީޓް ކުރެއްވި އެވެ.
ރިޝީ ސުނަކްގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެވާނެ ކަމަށް ވިދާޅުވީ އިނގިރޭސި އިގްތިސާދު ރަނގަޅު ކުރުމަށެވެ. އަދި ކޮންޒަވޭޓިވް ޕާޓީ އެކަތިގަނޑެއް ގޮތުގައި ބަދަހިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ސުނަކުގެ ސަރުކާރެއްގައި ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލިޒަމް އަދި ޖަވާބުދާރީވުން އޮންނާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.