ދުނިޔެ

ބޮރިސް ޖޯންސަނަށް ކޮލަމިސްޓެއްގެ ވަޒީފާ ލިބިވަޑައިގެންފި

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިން ޖޯންސަނަށް އެ ގައުމުގެ ޑެއިލީ މެއިލް ނޫހުން ނޫސްވެރިއެއް -- ކޮލަމް ލިޔާ މީހެއްގެ ވަޒީފާ ލިބިވަޑައިގެންފި އެވެ.

ބޮރިސް ޖޯންސަން ނޫސްވެރިކަމުގެ ހަޔާތަށް އެނބުރި ވަޑައިގެން ތަޖުރިބާގެ އަލީގައި ގިނަ މައުލޫތަކަކަށް ލިޔުއްވާނެ ކަމަށް ބެލެވެ އެވެ.

ބޮޑުވަޒީރުގެ މަގާމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު ވެސް އެނާ އަވަދިނެތި އުޅުއްވަނީ -- އިނގިރޭސިންނަށް ބޮޑުކަމަކަށް ވެފައި ހުރި މައުލޫތަށް ތަގުރީރު ކުރައްވައި އާމްދަނީ ހޯއްދެވުމުގަ އެވެ.

ޖޯންސަން، 58، އަށް އޮތް ތުހުތަމަތުތަކެއްގެ ސަބަބުން އޭނާ ވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ބޮރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު -- އަދި ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު، މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، އިނގިރޭސި ބޮޑުވަޒީރުގެ ގަނޑުވަރުގައި ވަނީ ޕާޓީކުރައްވާފަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެރިވުމަށް ސިއްހީ ދާއިރާއިން މަޖުބޫރުކޮށްފައި ހުރި ފިޔަވަޅުތައް ބޮލާލައި ޖައްސަވައި، ލޮކްޑައުން މުގުރާލައްވައި -- ގާތްދުރުކަމެއް ނެތި ދެ ޖިންސް މަސްހުނިވެ ވަނީ އުފާކުރައްވައި ބުއިންތައް ހިއްޕަވާފަ އެވެ.

"ޕާޓީގޭޓް" ނަމުން މަޝްހޫރުވެފައި އޮތް މި ހާލަތުގައި، ޖޯންސަންގެ އަމަލުތައް ބަލައި ތަހުގީގުކުރި ޓީމަކުން އޮތީ ރިޕޯޓެއް އެކުލަވާލާފަ އެވެ. މި ރިޕޯޓަކީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރެވޭނެ ރިޕޯޓެކެވެ. އަދި އޭނާ މަގާމުން ދުރުކުރަން ޖެހޭ ސަބަބަތަކެއް ވެސް މަޖިލީހުގެ ބަހުސްތަކުން ސާބިތުކުރެވިދާނެ އެވެ.

ޑެއިލީ މެއިލުން ބުނާ ގޮތުން ޖޯންސަން އެ ނޫހަށް ކޮލަމް ލިޔުއްވާނީ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ. އަދި އެއީ ނޫޙުގެ ކިޔުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށްވެސް އެ ނޫހުން ބުނެ އެވެ.

ޖޯންސަނަށް ސަޕޯޓުނުކުރި ނަމަވެސް އަދި ކުރި ނަމަވެސް އޭނާގެ ކޮލަމްތައް ކިޔާލުން ބޭނުންތެރި ކަމަކަށް ވާނެ ކަމަށް ޑެއިލީ މެއިލުން ބުނެ އެވެ.

އޭނާގެ ސަރުކާރުގައި ކަންތައް ހިނގާދިޔަ ގޮތާއި އަދި މިހާރު ހުންނެވި ބޮޑުވަޒީރު، ރިޝީ ސުނަކްގެ ސިޔާސަތާ ބެހޭގޮތުން ވެސް ޖޯންސަން ލިޔުއްވާނެ ކަމަށް ޑެއިލީން މެއިލުން ހާމަކުރެ އެވެ.