ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ހޮޓެލް ޖޭންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެ ބޭންކުން ތައާރަފު ކުރި މި ހިދުމަތުގެ ސަބަބުން ސައްތައިން ސައްތަ މުސްލިމް މި ގައުމުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމަށެވެ.
"މި ހިދުމަތް ތައާރަފު ކުރާއިރު ފުރަތަމަ ދެނީ ވަދީއާ ޕާސަނަލް އެކައުންޓްގެ ހިދުމަތް އެކަނި. ނަމަވެސް އަޅުގަނޑުމެން މި ހިދުމަތް އިތުރަށް ތަރައްގީ ކުރަމުން ގެންދާނީ،" ހީލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭންކުން ރާއްޖޭގެ އެކި ހިސާބުތަކުގައި 26 ބްރާންޗެއްގެ ހިދުމަތް ދެމުން ގެންދާއިރު، މި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"މި ހިދުމަތް ތައާރަފު ކުރެވިގެން މި ދަނީ ގިނަ ފަރާތްތަކުގެ އެއްބާރުލުމާއި އެކު. އުންމީދަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް ބޭންކިންގެ ގިނަ ހިދުމަތްތަކެއް ތައާރަފު ކުރުމަށް،" ހީލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލްއިން އިސްލާމިކް ބޭންކިންގެ ހިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
"ބީއެމްއެލް އިސްލާމިކް ފަންޑަކީ މުޅީން ވަކި އެއްޗެއް. މި ބެލެހެއްޓިގެން ދާނީވެސް މުޅިން ވަކިން،" ހީލީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާއި ދިމާކޮށް ބީއެމްއެލްއިން މި ހިދުމަތް ތައާރަފު ކުރުމަކީ ތާރީހީ ކަމެއް ކަމަށެވެ.
"ބީއެމްއެލް އިން އިސްލާމިކް ބޭންކިން ތައާރަފު ކުރުމުން ގިނަ ބައެއްގެ ހުވަފެން ހަގީގަތަކަށް ވެއްޖެ. އިސްލާމިކް ބޭންކިންގެ ނިޒާމަކީ މުސްލިމުންނާއި ގައިރު މުސްލިބުން ވެސް ގަބޫލު ކުރާ ނިޒާމެއް،" ޝަހީމް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އިސްލާމިކް ބޭންކިންގެ ހިދުމަތް ހޯދާ ކަސްޓަމަރުނަށް ޗެކް ފޮތާއި ވިސާ ޑެބިޓް ކާޑު އަދި އިންޓަނެޓު ބޭންކިންގެ ހިދުމަތުގެ އިތުރުން ޕީއޯއެސް އާއި އޭޓީއެމްގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.