ޗާގޮސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުން ކުރިން އިހުތިޔާރުކުރި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުތައް ދެނެގަނެ އެ މައްސަލާގެ ތެރެއަށް ފައިސާ އާއި ނުފޫޒު ނުވަންނަކަން ހާއްސަ ކޮމިޓީން ކަށަވަރުކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން ސިޔާސަތު ބަދަލުކުރީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމާއި އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް ދިވެހި ރައްޔިތުންނަށް އަންގައިދިނުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ލިބިގަތުމަށްޓަކައި 2019 ވަނަ އަހަރު މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލާގައި ކުއްލިއަކަށް މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވާ ކަމަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވާތީ އެކަމުގައި ފުށުއެރުންތަކެއް ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައިވާ ކަމަށާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންކަން ބަޔާންކޮށްފައިވާ ކަމަށެވެ.
ޗާގޮސް މައްސަލާގައި މީގެ ކުރިން މޮރިޝަސް އާއި ދެކޮޅަށް އިނގިރޭސިވިލާތާއި އެއްކޮަޅަށް ބައިނަލްއަގްވާމީ އިދާރާތަކުގައި ރާއްޖެއިން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުން ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުމުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ބައިނަލްއަގްވާމީ މުއާހަދާއަކަށް އާދެވިފައިވާކަން ޔަގީންވާ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުން ފާސްކުރުމަށްފަހު އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން ކަމަށް ކަނޑައަޅާފައިވާއިރު އެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.