ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ގުޅޭ ގޮތުން ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވި އެވެ. ބަލައިގަތުމަށް ފެންނަ ކަމަށް 30 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.
ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލައި މެންބަރު ނާޒިމު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އޮތީ އޮކްޓޫބަރު 25 ވަނަ ދުވަހު އެވެ.
މި ގަރާރުގައި ވަނީ ޗާގޮސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައިފަ އެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުން ކުރިން އިހުތިޔާރުކުރި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުތައް ދެނެގަނެ އެ މައްސަލާގެ ތެރެއަށް ފައިސާ އާއި ނުފޫޒު ނުވަންނަކަން ހާއްސަ ކޮމިޓީން ކަށަވަރުކުރުމަށް ވަނީ ގޮވާލާފަ އެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.
އިޓްލޮސްގައި މިހާރު ހިނގަމުންދަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިފާތީ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލަ އެވެ.
ރާޢްޖެއިން މިހާރު ވަނީ ޑިކޮލޮނައިޒޭޝަނާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި އޮތް ނިންމުން ތަންފީޒުކުރުމަށް އދގެ އާންމު މަޖިލީހުގެ ވޯޓަކަށް އަލުން ގޮސްފިނަމަ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ވޯޓުދޭނެ ކަމަށް ބުނެފަ އެވެ. އެކަން ރާއްޖެއިން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.
އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ. މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެފަ އެވެ.
މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އެ މައްސަލައިގައި ނެތް ކަމަށެވެ.