އެމްޑީޕީގައި ޗެއާޕާސަންގެ ނައިބު ކަމަށް އިންތިހާބުވެފައިވާ އިބްރާހީމް ވަހީދު (އިބްރޭ) އާއި އަހްމަދު އަބްދުﷲ މަގާމުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ނައިބު އިދާރީ އަދި ނައިބު މާލީ އެވެ.
ޗެއާޕާސަންގެ ނައިބުންގެ މަގާމުގެ ދައުރު ހަމަވާތީ އެ މަގާމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލުމުން ކުރިމަތިލެއްވީވެސް އިބްރާހީމް ވަހީދާއި އަބްދުﷲ އެކަންޏެވެ. އެހެންވެ މި ދެ ބޭފުޅުން މަގާމަށް ހޮވުނީ އިންތިހާބަކާ ނުލަ އެވެ.
އިބްރާހީމް ވަހީދު ކުރިމަތިލެއްވީ ޗެއާޕާސަން ނައިބް އިދާރީގެ މަގާމަށެވެ. ކުރިން މި މަގާމުގައި ހުންނެވީ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ކުރިމަތިލެއްވީ ޗެއާޕާސަން ނައިބް މާލީގެ މަގާމަށެވެ. ކުރިންވެސް އެ މަގާމުގައި ހުންނެވީ އަހްމަދު އެވެ.
ޗެއާޕާސަންގެ ނައިބުން މަގާމާ ހަވާލުވެވަޑައިގެން އާ ދައުރު ރަސްމީކޮށް ފެއްޓެވީ މިއަދު އެވެ.
ޗެއާޕާސަން ނައިބް އިދާރީ އަކީ ޕާޓީގެ މެންބާޝިޕް ކަންތައްތައް ބެެލެހެއްޓުމާއި ކެމްޕޭންގެ ކަންތައްތައް ޗެއާޕާސަންގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަން ނައިބް މާލީ އަކީ މާލީ ކަންތައްތައް ބެެލެހެއްޓުމާއި ޕާޓީގެ ޗަންދާ ކަންތައްތައް ޗެއާޕާސަންގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައި ކުރިން އޮތް ގޮތުން ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ އެމްޑީޕީގެ ކޮންގްރެސްގަ އެވެ. ނަމަވެސް ޗެއާޕާސަންގެ ނައިބް ކަމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބޭފުޅުން ކަނޑައަޅާނީ އެމްޑީޕީގެ ޗެއާޕަސަން އިހްތިޔާރު ކުރައްވާ ދެ ނަމެއް ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ރުހުން ހޯދައިގެންނެވެ.