ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކްސް -- ޓީޖީއެސްޓީ ބޮޑުކުރުމަކީ ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރެވެލް އޭޖެންސީ އެންޑް ޓުއަ އޮޕްރޭޓާޒް (މަޓާޓޯ) އިން ބުނެފި އެވެ.
މަޓާޓޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ އެއްވެސް ގައުމަކު ކޮށްފައި ނުވާ ކަމެއް ކަމަށާއި އިސްލާހު ހުށަހަޅާފައިވަނީ ވެސް ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށެވެ. ދުނިޔޭގެ ކުރިއަރަމުން އަންނަ އެއްވެސް ގައުމެއްގައި ދޭން ޖެހޭ ވަގުތު ނުދީ ޓެކްސްއަށް 25 ޕަސަންޓުގެ ބޮޑު އިތުރު ކުރުމެއް ގެނެސްފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭއަށް ޖުމްލަކޮށް ވަންނަ އާމްދަނީގެ 74 އިންސައްތަ އަކީ ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ މި އަންނަ އަހަރުގެ ކުރީކޮޅަށް ޖީއެސްޓީ އަދި ޓީޖީއެސްޓީން ނަގާ ވަރު ބޮޑު ކޮށްފިނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށެވެ. މިކަމުގެ އަސަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މަޓާޓޯގެ ބަޔާނުގައި ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ޖަމިއްޔާ (މަޓީ) އާއި ރާއްޖޭގެ ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) އަދި ރާއްޖޭގެ ހޮޓެލް އަދި ގެސްޓް ހައުސްއާ ބެހޭ ޖަމިއްޔާ (އެންއެޗްޖީއޭއެމް)އާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެ ޖަމިއްޔާތަކުން ވެސް ކުއްލި އަކަށް ޓެކްސް ބޮޑުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ޓެކްސްގެ ގޮތުގައި ނަގަމުންދާ އަދަދުތައް ބޮޑުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސަރުކާރަށް ލަފާދީފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ނޭނގި ތިބެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު އައިއެމްއެފް އަށް ރަނގަޅަށް ނޭނގޭކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޓެކްސް ނަގާ މިންވަރު މަތި ކޮށްފިނަމަ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ ގައުމުތަކުން ނަގާ ޓެކްސްއަށް ވުރެ ރާއްޖޭގައި ނަގާ ޓެކްސް ބޮޑުވާނެ ކަމަށާއި އޭރުން ރާއްޖޭގެ މާކެޓް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ. މަޓާޓޯއިން ބުނީ ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށާއި މިހާ ބޮޑު ކަމެއް ކުރާއިރު ވަގުތު ވެސް ދޭންޖެހޭ ކަމަށެވެ.