ދުނިޔެ

ދެފުށްކެހެރިން ގަތާރާ ދެކޮޅުވުމަކީ އޮތް ހަސަދައެއް: ގަތަރުގެ އަމީރު

ގަތަރުގައި ވޯލްޑްކަޕް 2022 ބޭއްވުމަށް އެ ގައުމުގެ ސަރުކާރުން ބިޔަ ޕްރޮޖެކްޓްތަކެއް ވަނީ ހިންގާފަ އެވެ.

މީގެ ކުރިން ބިންމަތީގައި ނެތް ބޮޑެތި ސްޓޭޑިއަމްތަކާއި ދަތުރުފަތުރު ޒަމާނީ ކުރުމަށް ދޯހާ މެޓްރޯ ބިނާކޮށް -- ކޮންސްޓްރަކްޝަން ދާއިރާއިން ވެސް ގަތަރު ވަނީ މުޅި ދުނިޔެއަށް ގޮންޖަހާފަ އެވެ.

އާބާދީގައި 2.9 މިލިއަން ހިމެނޭ ގަތަރުން ހޯދަމުން އަންނަ ތަރައްގީ އާއި ލިބިފައި އޮތް ގުދުރަތީ މުއްސަދި ކަމަށް ހަސަދަވެރިވާ މީހުން މިހާރު ބުނަނީ ކިތަންމެ ތަރައްގީއެއް ހޯދި ނަމަވެސް ގަތަރަކީ އިންސާނީ ހައްގުތަކަށް ކަމޭ ހިތާ ގައުމެއް ނޫން ކަމަށެވެ.

ދިރިއުޅުން އިންސާނުންގެ ފަރުދީ ފިކުރަށް -- ފޮތަކަށް ތަބާވުމެއް ނެތި ދޫކޮށްލުމަކީ ގަތަރުން ކުރަން ޖެހޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް ވަކި ތަފާތެއް އޮވެގެން ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

އަންހެނުންނަށް ދޭން ޖެހޭ ހައްގުތަކާއި މަސައްކަތު މީހުންގެ ހައްގުތަކުގައި ގަތަރު އުޅެނީ ޒަމާންތަކެއް ފަހަތުގައި ކަމަށްވެސް ހަސަދަވެރިން ބުނެ އެވެ. އިންޑިއާ، ޕާކިސްތާން އަދި ނޭޕާލު މަސައްކަތު މީހުންނާ މެދު ވެސް ކަންތައް ކުރަނީ އިންސާނިއްޔަތާ ޚިލާފަށް ކަމަށްވެސް ދަނީ ބުނަމުންނެވެ.

މިފަދަ މިފަދަ އާންމު ހަޅޭއްކަށް ރައްދު ދިނުމަކީ އާދައިގެ ހާލަތްތަކުގައި ގަތަރުން ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ގަތަރުގައި ވޯލްކަޕް ބާއްވާތީ ކުރިމަތިވެފައި އޮތް ފާޑުކިޔުންތަކަށް އެ ގައުމުގެ އަމީރު ޝައިޚް ތަމީން ބިން ހަމަދު އައްސާނީ ވަނީ ރައްދު ދެއްވާފަ އެވެ.

ގަތަރަށް ރައްދުވާ ގޮތަށް ހުރި ފާޑުކިޔުންތައް ލަފުޒުކުރައްވައި އަމީރު ވިދާޅުވި ގޮތުގައި ގަތަރަށް ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރެވުނު ހިސާބުން ފެށިގެން ވެސް ބަޔަކު އުޅެނީ ފަޔަށް ހިނިއަރާތީ ކަަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ފާޑުކިޔުންތަކާ މެދު ބުނެވެން އޮތީ އެ ހުރިހާ ބުނުންތަކަކީ ވެސް ބަދުބުނުންތަކެއް ކަމަށެވެ. އެ މަނިކުފާނު އަދި ވިދާޅުވީ ދެފުށްކެހެރިން ދައްކަނީ އުފައްދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ވޯލްޑް ކަޕް 2022 ގަތަރުގައި ބާއްވަން ފުރުސަތު ލިބުނީއްސުރެ ގަތަރާ ދެކޮޅަށް ބަޔަކު އަންނަނީ ކެމްޕޭން ކުރަމުން،" އަމީރު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވި ގޮތުގައި މިހާތަނަށް ވޯލްކަޕް ބޭއްވި އެއްވެސް ގައުމަކަށް -- ގަތަރަށް ދިމާވެފައި ހުރި ފަދަ ހުރަސްތަކާއި މަޖުބޫރު ހާލަތެއް ދިމާ ނުވާ ކަމަށެވެ.

ހުޅަނގުގެ ނޫސްތަކާއި އެމެނެސްޓީ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތައް އަބަދު އޮންނަނީ އެއްފަޅި ވާވެފަ އެވެ. އެ މީހުންގެ ޒާތުގައި ހާޖަތަކަށް ވާން ޖެހެނީ އެމީހުންނަށް ގަބޫލުކުރެވޭ ގޮތެވެ.

އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި މަސައްކަތު މީހުންނަށް ހައްގު ހޯދައި ދިނުމަށް ގޮވާލުމާއި އެއްޖިންސުން ގުޅުން ހިންގުން ބަލައިގަތުމަށް ގޮވަލާ ބަޔަކީ ވެސް މިއީ އެވެ.