ލައިފްސްޓައިލް

މިޔަރާއި ބޮޑު ކަންނެލީގެ އާދަޔާ ހިލާފު ގުޅުން

ދުނިޔޭގައި މާތް ﷲ ލައްވަވައިފައިވާ ދިރުންތަކަކީ އެކެތި އަނެކެއްޗެއްގެ ބޭނުން ހިފަން ޖެހޭ ދިރުންތަކެކެވެ. ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ހާލަތެއްގައި އެކަތި އަނެކެއްޗެއްގެ ބޭނުން ހިފާ ތަން ދިރުންތަކުގެ އުޅުމުން އަހަރެމެންނަށް ފެނިގެން ދެއެވެ. ނަމަވެސް ކަނޑުގެ ދިރުންތަކާއި އެތަކެތީގެ ދިރިއުޅުމާއި މެދު އަހަރުމެންނަށް އެނގެނީ ވަރަށް މަދު ކަމެކެވެ.

މިޔަރާއި ކަންނެލީގެ ގުޅުމާ ގުޅޭގޮތުންވެސް ސައިންޓިސްޓުން މިވަނީ މުހިއްމު ހޯދުންތަކެއް ހޯދާފަ އެވެ. ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާގެ ސައިންޓިސްޓުން ހަތް އަހަރު ވަންދެން މެދު ނުކެނޑި ދުނިޔޭގެ ކަނޑުތަކުގައި ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި ބޮޑު ކަންނެލި އޭގެ ގައިގާ ހުންނަ ކެހުންތައް ފިލުވާލުމަށް މިޔަރުގެ ބޭނުން ހިފަ އެވެ.

ކަންނެއްޔަކީ ބިސް އަޅާ މަހެކެވެ. މި މަހުގެ ބިސް ވިހާ އިރު އޭގައި ހުންނަނީ 3.5 މިލިމީޓަރެވެ. ކުޑަ ކުޑަ ފަންޏެއްގެ ގޮތުގައި އުފަންވާ މި މަހަކީ އެއް މީޓަރާއި ތިން މީޓަރަށް ބޮޑުވެ ބަރުދަނުގައި 400 ކިލޯއަށް ބަރުވާ މަހެކެވެ. ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ދުވާ މިމަހަށް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ އޭގެ ލޮލާއި ކަރުތާފަތްގަނޑުގއި އަޅާ ފަނިފަކްސާ އަދި ޕެރެސައިޓްގެ އުނދަގުލެވެ.

މިޔަރަކީ ކަނޑުތަކުގައި ލައްވާފައިވާ ދިރުންތަކުގެ ތެރެއިން އެންމެ މުސްކުޅި އެއް ދިރުމެވެ. ކެނޭޑިއަން ޝާކް ރީސާޗް ލެބޯރަޓްރީން ކޮށްފައިވާ ތަހުލީލުތަކުން ދައްކާ ގޮތުގައި ކަނޑުތަކުގައި މިޔަރު އުޅޭތާ 400 މިލިއަން އަހަރު ވެއްޖެ އެވެ. މިޔަރަކީ ކަނޑުތަކުގެ ދިރުންތައް ކޮންޓްރޯލް ކުރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ މަހެވެ. މިޔަރު އުފަންވާ އިރު އޭގައި ވަރުގަދަ ދަތްޕިލާއެއް ހުރެ އެވެ. އަދި މިއީ މިޔަރުގެ އެންމެ ބޮޑު ހަތިޔާރުވެސް މެއެވެ.

ކަންނެލި އޭގެ ފުރިހަމަ ދިގުމިނަށް ބޮޑުވާ އިރު މިޔަރަކާއި ގާތްގަނޑަކަށް އެއް އިސްކޮޅެއް ހުރެއެވެ. އަދި ކަންނެއްޔަކީ ހަލުވިކަމާއި އެކު ކަނޑުގައި އުޅޭ މަހެއް ކަމުން މިޔަރަށް ކަންނެލި ޝިކާރަ ކުރުމަށް ދަތިވެގެން ދެއެވެ. ކަންނެލި އޭގެ ގައިގައި ހުންނަ ފަނިފަކްސާތަކާއި ޕެރެސައިޓްތައް އޭގެ ގައިން ނެއްޓުމަށް ބޭނުން ކުރަނީ މިޔަރުގެ ކުރަކި، ހިލަ ކަރުދާސް ފަދަ ހަންގަނޑެވެ.

ޑރ ކްރިސް ތޮމްޕްސަން އާއި ޕްރޮފެސާ ޖެސިކާ މިއުވިގް ޕެސިފިކް، އިންޑިއަން އަދި އެޓްލާންޓިކް ކަނޑުގައި ކުރި ދިރާސާތަކާ ބެހޭ ގޮތުން ލިޔެފައިވަނީ ތަފާތު އެކި ބާވަތުގެ މަސް، އޭގެ ގައިގައިވާ ކެހުންތައް ފިލުވާލުމަށް މިޔަރުގެ ކުރަކި ހަންގަނޑު ބޭނުން ކުރާ ކަމަށެވެ. މީގެ ތެރޭގައި އެންމެ އާންމީ ކަންނެލީގެ ބާވަތްތައް މިޔަރުގެ ބޭނުން ކުރާ ކުރުމެވެ. އެއީ މިޔަރުގެ ދިގު އުރަހަތަކާއި އޭގެ ނިގޫ ދެކޮޅަށް ހަލުވާލާ މިންވަރު ލަސްވުމުން ކަންނެލީގެ ލޮލާއި، ކަރުތާފަތާއި، ހަށިގަނޑުގެ އެހެނިހެން ހިސާބުތައް ފަސޭހައިން މިޔަރުގެ ގައިގައި ކާއްތާލެވޭތީ އެވެ. ކަންނެލި މިކަން ކުރަނީ އޭގެ ގައިގައި އަޅާ ފަނި ފަކްސާތައް ގައިން ވަކިކޮށްލުމަށެވެ. އެއީ ކަންނެލީގެ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ.

ކްރިސް ތޮމްޕްސަން އާއި ޕްރޮފެސާ ޖެސިކާ މިއުވިގް އެމީހުންގެ ހޯދުންތަކުގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ ކަނޑުތަކުގައި ކުރި ދިރާސާތަކުގައި ދުނިޔޭގެ އެކި ސަރަހައްދު ތަކުން މިޔަރާއި ކަންނެލީގެ ގުޅުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުދި މަސް މިޔަރުތަކާއި ގާތް ނުވަނީ ކާލަފާނެތީ ކަމަށް ވެދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މަސްތައް މިޔަރުގެ ހަންގަނޑުގައި އެންމެ ގިނައިން ކާއްތަނީ އެމަސް ތަކުގެ ބޮލާއި ލޮލެވެ. މިއީ ޕެރެސައިޓް އެންމެ ގިނައިން މަހަށް ހަމަލާ ދޭ ގުނަވަންތަކެވެ.

މިޔަރުގެ ހަންގަނޑުގައި ކުދި ދަތްތަކެއް ފަދަ ޑާމަލް ޑެންޓިކްލްސް ހުރެ އެވެ. މިޔަރުގެ ހަންގަނޑު ކުރަކި ކަމަށް ދައްކާ ސަބަބަކީ އެއީ އެވެ.

"މާސިންގާ ކަނޑުގައި މަސްތަކަށް ދިމާވާ ކެހުންތައް ފިލުވާލަން އެންމެ ރަނގަޅީ މިޔަރު. މިއީ މިޔަރުގެ މުހިއްމުކަން އަނގުވައިދޭ ކަމެއް. ކަނޑުތަކުން މިޔަރު އާބާދީ ދައްވެއްޖެއްޔާ އެކަމުގެ އަސަރު ކަނޑުގެ ހުރިހާ ދިރުމަކަށް ފޯރާނެ." ޑރ ކްރިސް އާއި ޕްރޮފެސާ ޖެސިކާގެ ދިރާސާގައިވެ އެވެ.