ރާއްޖެ ކުޅިވަރު

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ބައިވެރިންނަށް ޖާޒީ ހަވާލުކޮށްފި

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ)އިން އިންތިޒާމު ކޮށްގެން ބާއްވާ "އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022"ގެ ބައިވެރިވާ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.

ޖާޒީ ހަވާލުކޮށްދިނީ އަރްބާގެ ފައުންޑަރު އަދި ކުރީގެ މަޝްހޫރޫ ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދު އެވެ. އަރްބާގައި ޖުމުލަ 160 ކުދިން ތަމްރީން ހަދަމުންދެ އެވެ. މީގެތެރެއިން މި މުބާރާތުގައި ވާދަކުރަނީ 80 ކުދިންނެވެ.

އަރްބާއިން ބުނީ އެކެޑަމީގައި ތަމްރީން ހަދަމުންދާ ހުރިހާ ކުދިންނަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި މިއަންނަ އަހަރަށްވެސް ގިނަ މުބާރާތްތަކެއް އިންތިޒާމު ކުރަމުންދާ ކަމަށެވެ.

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ކުދިންގެ ތެރެއިން ބުރުގާ އަޅާ ކުދިންނަށް އަމިއްލަ ބްރޭންޑެއް ކަމަށްވާ ސޫޓީގެ ފަރާތުން ވަނީ ކުޅިވަރު ކުޅޭއިރު އަޅާ ކަހަލަ އެ ބްރޭންޑްގެ ދެ ބުރުގާ ހަދިޔާކޮށްފަ އެވެ. މި ކުދިންނަށް ބުރުގާ ހަވާލުކޮށްދިނީ ސޫޓީގެ ފައުންޑަރު ސޫދާ މުހައްމަދެވެ.

އަރްބާގެ މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 27 އިން 29 އަށެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ ބެޑްމިންޓަން އިންޑޯ ކޯޓުގަ އެވެ.

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕަކީ މިދިޔަ އަހަރުވެސް އަރްބާގެ ފަރާތުން ބޭއްވި މުބާރާތެކެވެ. މިމުބާރާތަކީ އަރްބާ އިން މިއަހަރު ބާއްވާ ތިންވަނަ މުބާރާތެވެ.

މީގެ ކުރިން އަންހެން ކުދިންނަށް ހާއްސަ ކޮށްގެން "އަރްބާ ވިމެންސް ޓީމް އިވެންޓް" އަދި ކުޑަ ކުދިންނަށް ހާއްސަ "އަރްބާ ޕޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕް"ގެ ނަމުގައި ދެ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީން މި މުބާރާތް ހިންގުމުގެ މަގުސަދަކީ އެކެޑަމީގައި އުޅޭ ކުދިންނަށް މުބާރާތްތައް ކުޅޭނެ ފުރުސަތުތައް ފަހިކޮށްދީ އެކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުން ކަމަށް އެ އެކެޑަމީން ބުނެ އެވެ.