ރާއްޖެ ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯނު ފައިނަލްތައް މިރޭ ފަށަނީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ދަރަނބޫދޫ ކުޅުނު މެޗެއްގެ ތެރެއިން -- އިމޭޖަސް.އެމްވީ
0%
0%
0%

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ޒޯނު ފައިނަލްތައް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ހަތަރު މެޗަކީ ވެސް ވަރަށް ފޯރިގަދަވާނެ މެޗުތަކެއް ކަމަށް ލަފާކުރެވެ އެވެ.

ފުރަތަމަ ދެ މެޗު ފަށާނީ މިރޭ 8:00 ގައެވެ. މި މެޗުގައި ޒޯން 6 އިން ތ. ތިމަރަފުށި އާއި ލ. ގަން ބައްދަލުކުރާއިރު، ޒޯން 8 ފައިނަލުގައި ވިލިމާލެ އާއި މައްޗަންގޯޅި ބައްދަލުކުރާނެ އެވެ. އަދި ދެވަނަ ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. މި މެޗުގައި ޒޯން 3ގެ ބަ. އޭދަފުށްޓާއި ކ. ކާށިދޫ ބައްދަލުކުރާއިރު، ޒޯން 5ގެ ފައިނަލްގައި ފ. ދަރަނބޫދޫ އާއި ދ. ކުޑަހުވަދޫ ބައްދަލުކުރާނެ އެވެ.

ޒޯން 6 ފައިނަލުގައި މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަނުން ކަމަށްވާ ގަން، ތިމަރަފުށްޓާ ބައްދަލުކުރާއިރު މިއީ މިދިޔަ އަހަރުގެ ފައިނަލުގެ ރީމެޗެކެވެ. އޭރު ގަމުން ވަނީ ތިމަރަފުށި 2-1 އިން ބަލިކޮށްފަ އެވެ.

ޒޯން ބުރުގައި މިދެ ޓީމު ބައްދަލުކުރި މެޗުގައިވެސް ގަމު ވަނީ 1-0 އިން މޮޅުވެފަ އެވެ. ގަމަކީ މި މުބާރާތުން އެއް ފަހަރު ތަށި އަދި ދެ ފަހަރު ޝީލްޑް ހޯދާފައިވާ ޓީމެކެވެ. އަދި ތިމަރަފުށިން ވަނީ ތިން ފަހަރު މުބާރާތުގެ ތަށި ހޯދާފަ އެވެ.

ޒޯން 8 ފައިނަލުގައި މިދިޔަ އަހަރުގެ ސެމީ ފައިނަލިސްޓުން ކަމަށްވާ ވިލިމާލެ ބައްދަލުކުރާނީ މައްޗަންގޯޅިއާއެވެ. ޒޯން ބުރުގައި ވިލިމާލޭން ވަނީ މައްޗަންގޯޅި 7-1 އިން ބަލިކޮށްފަ އެވެ. މިއީ ވިލިމާލެއަށް ރީތި ނަތީޖާއެއް ހޯދުމުގެ ފުރުސަތެކެވެ. މިދިޔަ އަހަރު ވިލިމާލެ ޒޯން ފައިނަލުން ވަކިވެފައިވަނީ މާފަންނާ އެކު ޕެނަލްޓީ ޖަހައިގެން 7-6 އިން ބަލިވެގެންނެވެ.

ޒޯން 3 ގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އޭދަފުށި ކުޅޭނީ ކާށިދޫއާ ދެކޮޅަށެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި މިދެ ޓީމު ބައްދަލުކުރާ ތިންވަނަ ފަހަރެވެ. ޒޯން ބުރުގައި އޭދަފުށިން ވަނީ ކާށިދޫ 7-4 އިން ބަލިކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޭދަފުށިން ވަނީ ކާށިދޫ 3-0 އިން ބަލިކޮށްފަ އެވެ.

ޒޯން 5 ފައިނަލުގައި މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަނުން ކަމަށްވާ ކުޑަހުވަދޫ ބައްދަލުކުރާނީ ފ. އަތޮޅު ޗެމްޕިއަން ދަރަނބޫދޫއާ އެވެ. ޒޯން ލީގު ބުރުގައި ކުޑަހުވަދޫން ވަނީ ދަރަނބޫދޫ 6-2 އިން ބަލިކޮށްފަ އެވެ. މިއީ ދަރަނބޫދޫ ޒޯން ބުރުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި އެޓީމު އަތޮޅު ބުރުން ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް މުޅިން އަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910