މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެކޮޅު ހަދައިފި އެވެ
ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސް ކުރިއަށް ގެންދަނީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ. ކޮމިޓީއަށް މަޓީގެ ބޭފުޅުންނަށް ދައުވަތު ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މަޓީގެ ބޭފުޅަކު ކޮމީޓިއަށް ހާޒިރުވުމުގެ ބަދަލުގައި ފޮނުވާފައިވަނީ ސިޓީއެކެވެ.
މަޓީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އިއްވަވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް މަޓީން ދެކޭ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ވަގުތެއްކަން މަޓީގެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޓެކްސް ބަދަލު ތަންފީޒުކުރުމަށް މަދުވެގެން އެއް އަހަރު ދިނުމަށް މަޓީގެ ސިޓީގައޮ އެދިފައިވެ އެވެ.
މަޓީން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅުކަން މީގެ ކުރިންވެސް ހާމަކޮށްފަ އެވެ. އެކަމަށް ވަގުތު ދޭން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ދާއިރާގެ ކުންފުނިތަކަށް ގެއްލުންވާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާ ގުޅޭ ވޯޓު މަޖިލީހުގައި ނަގާނީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށްފަހު ކަމަށެވެ. ނަޝީދުގެ މި ނިންމެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން ދެކޮޅު ހެއްދެވި އެވެެ.
ޓެކްސް ބޮޑުކުރުމުގެ އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.