އޮމްބަޑްސްޕާސްންސްގެ އޮފީސް

"ގިނަ މައްސަލަތަކެއްގެ ތަހުގީގު ނިންމައިފިން"

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ހަދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކެއްގެ ތަހުގީގު ނިމިއްޖެ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ފުރުސަތު ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު ހަމަވިއިރު ޖުމުލަ 489 މައްސަލަ ހުށަހަޅާފައިވެ އެެވެ.

އިހްތިސާސްގެ ތެރެއިން ބަލަން ނިންމީ 455 މައްސަލަ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ޖުމުލަ 111 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.

ނިންމާފައިވަނީ އިގްތިސާދީ އަދި އިޖުތިމާއީ ހައްގާ ގުޅޭ 64 މައްސަލައާއި ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ހައްގާ ގުޅޭ 23 މައްސަލައާއި މަސައްކަތްކުރުމުގެ ހައްގާ ގުޅޭ 21 މައްސަލައާއި އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގާ ގުޅޭ އެއް މައްސަލައާއި ޒާތީ ދިރިއުޅުމުގެ ހައްގާ ގުޅޭ އެއް މައްސަލަ އަދި ލާއިންސާނީ އަދަބު ނުދިނުމުގެ ހައްގާ ގުޅޭ އެއް މައްސަލަ އެވެ.

ބާކީ ތަހުގީގުކޮށް ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އިންތިގާލީ އިންސާފުގެ ގާނޫނޫގައި ބުނެފައިވާ ގޮތަށް ސުލްހަކުރުމުގެ މަސައްކަތްވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.