ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑު ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން މައްސަލައެއްގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައީސް ސޯލިހް މިރޭ ވާހަކަދައްކަވާފައި މިވަނީ މިމައްސަލަ ވަރަށް ބޮޑަށް ހޫނުވެ ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިންނަށް ބޮޑެތު ތުހުމަތުތަކެއް އަމާޒުވެފައިވާއިރު ވެސް ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ހައްއްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައި އޮތް މައްސަލައެއް ކަމަށެވެ. މިމައްސަަލައިގެ ހަގީގަތް އެނގި ތިބެ ބައެއް ބޭފުޅުން ހަގީގަތާ ހިލާފު އެތައް ވާހަކައެއް ދައްކަވަމުންދާ ކަމަށްވެސް ވިދާޅުވި އެެވެ.
ރައީސް ސޯލިހް ވިދާޅުވީ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައިވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހާލުމަށް ކަމަށެވެ. އަދި އޭގެ ފަހުން 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ ވެސް އެކި ސަރުކާރުތަކާ އެކު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑު ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބައިނަލްއަގްވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި ވަކި ސަރުކާރާކާއެކު ނޫން ކަމަށެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ދިވެހި ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން ދަނީ މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާޢުކުރުމުގެ ސިޔާސަތު ކަމުގައިވެސް ވިދާޅުވި އެވެ.
"މި މައްސަލައިގައިވެސް އަދި ޖާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ގާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާނަމަ އަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް ފާހަގަކުރައްވާފަ އެވެ.
މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައި ވަކި މީހެއް ނުވަތަ ވަކި ބައެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެފަދަ މީހުންގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުން ކަމުގައި ރައީސް ތުހުމަތުކުރެއްވި އެވެ.