ދުނިޔެ

ޗާލްސް ރަސްގެފާނަށް ކޮޕް27 އަށް ދައުވަތު އަރުވައިފި

މިސްރުގެ ޝަރުމުއްޝައިޚް ގައި ނޮމެބަރު 6 އިން 18 އަށް އޮންނަ އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް -- ކޮޕް27 ގައި ބައިވެރިވެ ވަޑައިގަތުމަށް އެދި މިސްރުން އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިނަކަށް ރަސްމީކޮށް ދައުވަތު އަރުވައިފި އެވެ.

ޗާލްސް ރަސްގެފާން ކުރިން ނިންމަވާފައި އޮތީ ކޮޕް27ގައި މި އަހަރު ބައިވެރިވެ ވަޑައި ނުގަތުމަށެވެ. އެއީ އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ބޮޑުވަޒީރު ރިޝީ ސުނާކްގެ ކުރިން އެ މަގާމުގައި ހުންނެވި ލިޒް ޓްރަސް އެދިވަޑައި ގަތުމަށެވެ.

މިސްރުގެ ފަރާތުން ކްލައިމެޓް ސަމިޓްގައި އިސްކޮށް އުޅުއްވާ މުހައްމަދު ނަސްރު ވިދާޅުވި ގޮތުގައި މިސްރުގެ ދޮރުތައް ޗާލްސް ރަސްގެފާނަށް އަބަދުވެސް ހުންނާނީ ހުޅުވިފަ އެވެ.

ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުން އެއީ ކޮޕް27 ގައި ބައިވެރިވެ ވަޑައިގަތުމަށް ޗާލްސް ރަސްގެފާނަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަސްރު ވިދާޅުވި އެވެ.

ރަސްގެފާނުގެ ދަތުރަށް ފުރުސަތު ދެއްވުމަށް މިސްރުން ވަނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްއަށް ވެސް ދަންނަވާފަ އެވެ.

މުހައްމަދު ނަސްރު ވިދާޅުވި ގޮތުގައި ޗާލްސް ރަސްގެފާނަކީ ތިމާވެއްޓާ މެދު ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ބޭއްވުނު ކޮޕް ސަމިޓްތަކުގައި ޗާލްސް ރަސްގެފާނުގެ -- އެއިރު ޕްރިންސް ޗާލްސް ވަރަށް މުހިމު މައުލޫތަކަށް އިންސާފު ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ޗާލްސް ރަސްގެފާން ކޮޕް27 ގައި ބައިވެރިވެ ވަޑައި ނުގަތުމަަށް ލިޒް ޓްރަސް އެދިވަޑައިގަތް ސަބަބަކީ ކޮޕް ސަމިޓްތަކަކީ ސިޔާސީ މަޝްވަރާތައް ކުރެވި ސިޔާސަތު ބަދަލުކުރުމަށް އަދި ސިޔާސަތު އެކުލަވާލުމަށް ބޭއްވޭ -- ސިޔާސީ ސަމިޓްތަކަކަށް ވާތީ އެވެ.

އިނގިރޭސި ރަސްގެފާނަކީ އިނގިރޭސިވިލާތުގެ ނަމުގައި އެއްވެސް ސިޔާސަތެއް ހުށަހަޅައި ބަހުސްކުރެއްވޭނެ ބޭފުޅަކަށް ނުވާތީ އެވެ. އިނގިރޭސިވިލާތުގައި ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރަނީ އެއިރަކު އޮންނަ ސަރުކާރަކުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކްލައިމެޓް ސަފީރު ޖޯން ކެރީ ބީބީސީއަށް ވިދާޅުވީ ކޮޕް27 ގައި ޗާލްސް ރަސްގެފާން ބައިވެެރިވެ ވަޑައިގަތުމާ މެދު ވިސްނާވަޑައި ގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ކޮޕް ސަމިޓްގައި މީހަކު އަދި ބައިވެރިވުމަކުން ސިޔާސީ ވެވުނީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޗާލްސް ރަސްގެފާން މޫސުމަށް ލޯބިކުރެއްވުމަކުން ސިޔާސަތު ކަނޑައެޅުއްވުނީ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ޖޯން ކެރީ ވިދާޅުވި އެވެ.

ކޮޕް27 ގައި މިފަހަރު ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަަމަށް ނަސްރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.