ދުނިޔެ

ގައުމުން ބޭރުގައި ތިބި ޔުކްރޭން މީހުން ފެންނަނީ އަދި މަޑުކުރަން: ޔުކްރޭން

ގައުމުން ބޭރުގައި ރައްކާތެރިކަން ހޯދައިގެން ތިބި ޔުކްރޭން މީހުން އަދި ގައުމަށް އަންނަ ވަގުތު ނުޖެހޭ ކަމަށް ބޮޑުވަޒީރުގެ ނައިބު އިރީނާ ވެރެޝްޗުކް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ފިނި މޫސުން އޮތީ ކުރިއަށް ކަމަށާއި ގިނަ އަވަށްތަކުގައި ކަރަންޓް ވެސް ނެތް ކަމަށެވެ.

ރަޝިއާގެ އުދުވާނަށް ހިމޭންކަމެއް އަންނާތީ ފެނިވަޑައި ނުގަންނަވާ ކަމަށްވެސް އިރީނާ ވިދާޅުވި އެވެ. ހެޔޮ ހާލުގައި ތިބެ ފިނި މޫސުން ފާއިތު ވަންދެން ތިބި ތަނުގައި ތިބެން ފެނިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިރީނާ ވިދާޅުވި ގޮތުގައި ރަޝިއާ ބަލިވާތީ ފެނިވަޑައިގަންނަވާ ކަމަށާއި އެ މީހުންނަށް ޖެހޭ ތުރާލަށް ކެތްނުކުރެވިގެން އާންމުންނަށް ބިރު ދައްކައި ހިސޯރުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމު ބިނާކުރެވެން އޮތީ އެންމެން އެކުގައި -- އެއްރޫހެއްގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ގައުމަށް އެނބުރި އަންނަން އުޅެފިނަމަ ތިބި ހާލަށް ވުރެ ނުރައްކާ ވެދާނެ ކަމަށެވެ.

އަމިއްލަ ނަފުސާއި އަނބިދަރިން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ހަމަލާތައް އަމާޒުކުރަނީ ހަކަތަ ވިއުގައަށް ކަމަށް ވެސް ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހަކަތަ ބޭނުންކުރާ ވަރު މިވަގުތަށް ދަށްކުރުން ކަމަށެވެ.

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ހަކަތައާ ގުޅުންހުރި މަރުކަޒުތަކުގެ 30 ޕަސެންޓް ރަޝިއާގެ ހަމަލާތަކުގައި ބިމާހަމަވެފައިވާ ކަމަށެވެ.

ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަލާދޭން ފެށި ގޮތަށް އަދިވެސް މަޑުޖެހޭ ތަނެއް ނާދެ އެވެ. ޔުކްރޭންގެ ވެރިރަށް ކިޔެވްއަށް ދޭތެރެ ދޭތެއިން ހަމަލާދިން ނަމަވެސް ރަޝިއާގެ މައިގަނޑު އަމާޒަކީ ދޮންބާސް -- ދޮނެތެކާއި ލުހާންސް އެވެ.

ރަޝިއާ ސިފައިން މަރުކަޒު ހަދައިގެން ތިބެ ޔުކްރޭނަށް އަރައިގަންނަނީ ކްރައިމިއާ އިންނެވެ.